ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ގާނޫނެއް އެކުލަވާލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކަށް ހޭދަކުރެވޭނެ އަދަދުގެ އިތުރުން، އައްޔަން ކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ގޮތަށް ގާނޫނެއް ހަދަން ނިންމަވާފައިވާ ކަމަށެވެ.
އެ ގާނޫނުގައި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އަދަދު ރައްޔިތުންގެ މަޖިލިހާއި ވެސް ހިއްސާ ކުރާ ގޮތަށް ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ބަދަލުކުރުން، އެހެންވީމަ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން، ވަކިކުރުން ލާގޮތަށް،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރެއްވުން ރައީސް ވަނީ އެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.
ސިޔާސީ މަގާމުތަކުގެ ތިބޭ މީހުންގެ މުސާރައަށް ދައުލަތުން މަހަކު 32 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.