Last Updated: May 4, 10:04
Sunday, May 4, 2025
ޚަބަރު

މެމްބަރުންނަށް ދޭނެ ފައިސާއެއް އަޅުގަނޑުގެ އަތުގައި ނެތް

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް މެމްބަރުންނަށް ދެއްވާނެ ފައިސާއެއް އެމަނިކުފާނުގެ އަތުގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް މެމްބަރުންނަށް އެމަނިކުފާނު މަހަކު 50،000ރ. ދެއްވާ ވާހަކަ އަކީ ދޮގެއް ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިން ވެސް 50 ޕަސެންޓު މިހާރު ދޫކޮށްލައްވާފައިވާ ކަމަށެވެ.

ޕެންޝަނަށް ކެނޑުމުން މުސާރައިގެ ގޮތުގައި އެމަނިކުފާނަށް މިހާރު ލިބިވަޑައިގަންނަވަނީ 47،000ރ. ކަމަށާއި މެމްބަރުންނަށް ދެއްވާނެ ފައިސާއެއް އެމަނިކުފާނުގެ އަތުގައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަތުގައެއް ނެތް އެ މީހުންނަށް ދޭނެ ފައިސާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި ދެން ބައްދަލުވާ ދުވަހަކުން މިފަދަ ވާހަކަތައް މީޑިއާއަށް ދެއްވަނީ ކޮން ބޭފުޅުންނެއްތޯ އައްސަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮތް އިރު، އެ ޕާޓީގެ މެންބަރުންގެ އަދަދު 75 އަށް އަރަ އެވެ.