ތިޔަބައިމީހުންގެ މައްޗަށްވާ ޙައްޤުތަކާއި، ވާޖިބުތައް ދެނެގަންނާށެވެ! އެ ޙައްޤުތަކާއި، ވާޖިބުތައް އަދާކުރުމަށް އަންގަވާފައިވާ ގޮތަށް، އެކަންކަން އަދާ ކުރާށެވެ! އެކަންކަމުގައި ފަރުވާކުޑަ ނުކުރާށެވެ! ތިޔަބައިމީހުން ޤިޔާމަތް ދުވަހުން އެކަންކަމާ މެދު މަސްއޫލު ވާންޖެހޭނެކަން ދަންނާށެވެ! މާތް اﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާން ތިބެފައި، އެކަލޭގެފާނަށް ފުރަގަސް ނުދޭށެވެ! އަދި ނާހައި ތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ!"
އަޚްލާޤީ ރިވެތި ސިފަތަކުގެ ތެރޭގައި، މަގުމަތީގެ އަދަބުތައް ހިމެނެއެވެ. މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭ އިރު، މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ގުޅި، ލާމެހިގެންނެވެ. އެހެންކަމުން ހިނގާ މަގުތަކަށް ވެސް ޙައްޤުތަކެއް ކަނޑައެޅިގެން ވެއެވެ. އެ ޙައްޤުތައް ރައްކާތެރި ކުރެވެނީ، އެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންގެ ޢަމަލުތައް ބަހައްޓާ ގޮތަކުންނެވެ. އަދި މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެން ދެއެވެ. މަގުމަތީގެ ޙައްޤުތަކުގެ ވާހަކަ ބަޔާން ކުރައްވައި ކީރިތި ރަސޫލާ zޙަދީޘް ކުރައްވާފައި ވެއެވެ.
(إِيَّاكُمْ وَالْجـُلُوسَ عَلَى الطُّرُقَاتِ، فَقَالُوا: مَا لَنَا بُدٌّ، إِنَّمـَا هِيَ مَجَالِسُنَا نَتَحَدَّثُ فِيهَا، قَالَ: فَإِذَا أَبَيْتُمْ إِلَّا الْمــَجَالِسَ، فَأَعْطُوا الطَّرِيْقَ حَقَّهَا، قَالُوا: وَمَا حَقُّ الطَّرِيْقِ؟ قَالَ: غَضُّ الْبَصَرِ، وَكَفُّ الْأَذَى، وَرَدُّ السَّلَامِ، وَأَمْرٌ بِالْمَعْرُوْفِ، وَنَهْيٌ عَنِ الْمـــُنْكَرِ)
މާނައީ: "ތިޔަބައިމީހުން މަގުމަތީގައި އިށީނދެ ތިބުމާ ދުރުހެލިވާށެވެ!" ޞަޙާބީން ދެންނެވި އެވެ. އޭ اﷲ ގެ ރަސޫލާ އެވެ! "އެނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯވެ އެވެ! އަޅުގަނޑުމެން މަގުމަތީގައި މި ތިބެނީ، އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކާށެވެ." ޙަދީޘް ކުރެއްވި އެވެ. "އެހެންވިއްޔާ މަގަށް އޭގެ ޙައްޤު ދޭށެވެ!" ޞަޙާބީން ދެންނެވި އެވެ. "މަގުމަތީގެ ޙައްޤަކީ ކޮބައިތޯ އެވެ؟" ޙަދީޘް ކުރެއްވި އެވެ. "އެއީ ބެލުންތައް ތިރިކުރުމާއި، މީސްތަކުންނަށް އުނދަގޫ ނުކުރުމާއި، ސަލާމަށް ޖަވާބު ދިނުމާއި، ހެޔޮކަންތަކަށް އަމުރު ކުރުމާއި، މުންކަރާތްތައް ނަހީ ކުރުމެވެ!"
މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާކަމެއް ނޫނެވެ. ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެ ބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ބެލުމަކީ އަޚްލާޤީގޮތުން ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. ބެލުންތައް ތިރި ކުރުމަށް ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި، މިފަދަ ކަންތައް ވެސް ހިމެނޭނެ އެވެ. މާތް اﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ!" އެވެ. މާތް اﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނު އަންހެނުންނަށް، އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށް ކަލޭގެފާނު އަމުރު ކުރައްވާށެވެ!"
ޤިޔާމަތްދުވަހު އަޅާ، އޭނާގެ ލޮލުން ބަލައި އުޅުނު ތަންތަނާއި، ތަކެއްޗާ މެދު އޭނާއާ ސުވާލުކުރެވޭނެ އެވެ. އެކަން އަންގަވައި، މާތް اﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވިއެވެ."
މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ވިޔަސް، ކުރާ ޢަމަލަކުން ވިޔަސް، ކުރާ އިޝާރާތަކުން ނުވަތަ، ބަލާބެލުމަކުން ކަމުގައި ވިޔަސް މެއެވެ. މަގުމަތީގެ ޙައްޤު އަދާކުރުމުގެ ތެރޭގައި މަގުހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި، ގޯނާ ހުއްޓުވުމާއި، މާރާމާރީގެ ޢަމަލުތައް ހުއްޓުވުން ހިމެނެ އެވެ.
މަގުމަތީގައި ދުއްވާ ތަކެތިން ވެސް މީހުންނަށް އުނދަގޫވާ ގޮތަށް ޢަމަލުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އޭގެ ތެރޭގައި، ވިއްސާރަ ދުވަސްދުވަހު މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް، އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި، މީހުން އެރުވުމާއި، މަގު ހުރަސްކުރަން ބޭނުންވާ މީހާ އަށް ތަންނުދީ، ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ޤަވާޢިދާ ޚިލާފަށް، ވާތްފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތް ހަދައިގެން ދުއްވުން ހިމެނެއެވެ.
އޭގެ ސަބަބުން ގޯތިގެދޮރުގައި ތިބޭ މީހުންނަށް އުނދަގޫ ވުމާއި، ނިދާފައި ތިބޭ ތުއްތުކުދިން ސިހިގެން ހޭލެވި، ހަމަނިދި ނުލިބުމާއި، ބަލިމީހުންނަށް އުނދަގޫވުން ހިމެނެއެވެ.
މަގުމަތީގެ ޙައްޤުތަކުގެ ތެރޭގައި މަގުތައް ސާފުތާހިރުކޮށް ބޭއްވުން ހިމެނެއެވެ. ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅެއެވެ. ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި، ހުސްވެފައި ހުންނަ ފުޅި އާއި، ދަޅު ފަދަ ތަކެތި މަގުމައްޗަށާއި، ގޮނޑުދޮށަށް އުކާލުމާއި، އެތަންތަން ގޮނޑުވެ، ތިމާވެއްޓަށް ގެއްލުން ހުރި، ޢަމަލުތައް ކުރާތަން ފެންނަ ކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ޚާއްޞަ ގޮތެއްގައި ނުރައްކާތެރި ބާވަތްތައް ކަމުގައިވާ ބިއްލޫރި އާއި، ބެޓެރި އާއި، މޮހޮރާއި، ކުނިވާ ފަދަ ތަކެތި މަގުމައްޗަށް އުކައި ނުލުމަށް އިލްތިމާސް ކުރަމެވެ.
މަގުތަކުގެ ޙައްޤު އަދާކުރުމަށްޓަކައި، މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. ރަސޫލު الله ހަދީޘް ކުރައްވާފައިވެ އެވެ.
(اَلْإِيْمَانُ بِضْعٌ وَسَبْعُوْنَ شُعْبَةً، أَوْ بِضْعٌ وَسِتُّوْنَ شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلٰهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ اْلإِيْمَانِ)
މާނައީ: "އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެތަށް ބަޔަކަށް ބެހިފައި ވެއެވެ. އީމާންކަމުގެ އެންމެ މާތް، އަދި މަތީ ދަރަޖަ އަކީ، މާތް الله މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް، އިޤްރާރުވުމެވެ. އަދި މަގުމަތީން ކުނި ބުނި ނަގައި ސާފުކުރުމަކީ، އީމާންކަމުގެ އެންމެ ކުޑަމިންވަރެވެ. އަދި ލަދުވެތިކަމަކީ ވެސް އީމާންކަމުގެ ތެރެއިން ވާ ކަމެކެވެ."
މި ބަސްފުޅުން އެނގި ކަށަވަރު ވަނީ، އިސްލާމް ދީނަކީ ފުރިހަމަ ޝާމިލު ދީނެއް ކަމެވެ. ފަރުދުންނާއި، މުޖުތަމަޢުގެ ޙައްޤުގައި ރިވެތި އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ދީނެއް ކަމެވެ. މި ވާހަކަތަކުން ޢިބްރަތް ލިބިގަނެ، މާތް الله އަށް ބިރުވެތިވެ، ދީނުގައި ކަނޑައަޅުއްވާފައިވާ ރިވެތި އަދަބުތަކުގައި ހިފަހައްޓާށެވެ!
މަގުމަތި ސާފު ޠާހިރުކޮށް ބެލެހެއްޓުމަކީ ޒީނަތެކެވެ. އެއީ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ:
(اتَّقُوا اللَّعَّانَيْنِ، قَالُوا: وَمَا اللَّعَّانَانِ يَا رَسُوْلَ اللهِ؟ قَالَ: الَّذِيْ يَتَخَلَّى فِى طَرِيْقِ النَّاسِ، أَوْ فِي ظِلِّهِمْ)
މާނައީ: "ލަޢުނަތް ލިބޭ ދެކަމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ! ޞަޙާބީން ދެންނެވިއެވެ. އޭ اﷲ ގެ ރަސޫލާއެވެ! ލަޢުނަތް ލިބޭ ދެ ކަމަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއީ މީސްތަކުން ހިނގާ މަގުތަކަށާއި، ހިޔާ ގަނޑުގަނޑަށް ޤަޟާޙާޖަތް ކުރުމެވެ."
اَلْإِمَامُ أَبُوْ حَامِدِ الْغَزَالِي (رَحِمَهُ اللهِ) އެކަލޭގެފާނުގެ ފޮތުގައި ގެންނަވާފައިވެއެވެ. "ގޭގެ އިމާރާތާ ގުޅިގެން، މަގުމައްޗަށް ވާގޮތަށް އަށިގަނޑު ހެދުމާއި، މަގުމައްޗަށް ފެން ފައިބާގޮތަށް ގޭގެ ފުރާޅު ބެހެއްޓުމާއި، ގަސްގަހާގެހި ކެނޑުމާއި، ލަކުޑި އާއި، ކާބޯތަކެތި މަގުމަތީގައި ބެހެއްޓުމާއި، އަދި މަގުމަތީގައި އެއްޗެތި ކަތިލުން ފަދަ ކަންކަމަކީ، މަގުމަތީގެ އަދަބުތަކާ ޚިލާފު ކަންކަމެވެ. އަދި ވިދާޅުވެފައި ވެއެވެ. މިކަންކަމަކީ، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާނެ ކަންކަމެވެ. މިއީ އެއްވެސް ޙާލެއްގައި ކުރުން އެދެވިގެންވާ ކަންކަމެއް ނޫނެވެ."
މިއަދު އަޅުގަނޑުމެންގެ މަގުތަކަށް ފެން ފައިބާ ގޮތަށް ފޫގޮސްފައި އޮތީ ކިތައް ދިޔަދޮވި ހެއްޔެވެ؟ އެއާކޯންތަކާއި ދޮންނަ މެޝިނުން ބޭރުވާ ފެން، މަގުމައްޗަށް ދޫކޮށްލާފައި ވަނީ ކިތައް ގެއިން ހެއްޔެވެ؟ މިކަންތައްތަކުގެ އިތުރަށް ގޯޅިގޯޅިއަށް ކުނި އެޅުމާއި، މޭވާ ކެއުމަށްފަހު އޭގެ އޮށާއި، ތޮށި މަގުމައްޗަށް އަޅަނީ ކިތައް މީހުންހެއްޔެވެ؟ މަގުމައްޗަށް ކުޅު ޖެހުމާއި، ހިނގާފައިދާ މީހުންގެ މޫނާ ދިމާކޮށް ކިނބިހި އެޅުމާއި، ހިނގާފައިދާ މީހުންގެ މޫނުމައްޗަށް ސިނގިރޭޓުގެ ދުންތައް ބުރުވާލުން ފަދަ ނާތަހްޛީބު ޢަމަލުތައް ކުރަނީ ކިތައް މީހުންހެއްޔެވެ؟ ފުލެޓްތަކުގެ ގޯތިތެރެއަށާއި، ވައިގޮޅިތަކަށް، ކުންޏާއި، ހަޑިމުޑުދާރު ތަކެތި އަޅަނީ ކިތައް މީހުންހެއްޔެވެ؟ ކުނިވަށިގަނޑަށް އަޅަން ޖެހޭ އެތައް ބާވަތެއް، މަގުމަތީގައި ބަހައްޓާފައި ދަނީ ކިތައް މީހުންހެއްޔެވެ؟ މިފަދަ ކޮންމެ ކަމަކީ، އެ ރަށެއްގައި ދިރިއުޅޭ އެންމެންނަށް ގެއްލުން ހުރި ކަންކަމެވެ. އެހެން މީހަކު ބުނުމުގެ ކުރިން، އަމިއްލަ ނަފްސަށް ފެނިގެން މިކަންކަން އިޞްލާޙު ކުރުމަށް އެންމެހައި މުސްލިމްތަކުންނަށް ގޮވާލަމެވެ.
މަގުމަތީގެ އަދަބުތަކުގެ ތެރޭގައި، ސަލާމް ބަލައިގަތުން ހިމެނެ އެވެ. އެ މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުން ސަލާމް ކުރީމައި، މަގުމަތީގައި ތިބޭ މީހުން، އެ ސަލާމަށް ޖަވާބު ދިނުމަކީ، ވާޖިބުވެގެންވާ ކަމެކެވެ.
މާތް اﷲ ވަޙީ ކުރައްވާފައި ވެއެވެ.
ﮋوَإِذَا حُيِّيْتُمْ بِتَحِيَّةٍ فَحَيُّوْا بِأَحْسَنَ مِنْهَا أَوْ رُدُّوْهَا إِنَّ اللهَ كَانَ عَلَى كُلِّ شَيْءٍ حَسِيْبًا ﮊ
މާނައީ: "ތިޔަބައިމީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމް ކޮށްފި ނަމަ، އެއަށް ވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި اﷲ ވޮޑިގެންވެއެވެ." ސަލާމް ގޮވައި ލެވޭ ތަނުގައި ހުރީ އެކަކު ކަމުގައި ވާނަމަ، އެމީހާ ސަލާމަށް ޖަވާބު ދިނުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ގިނަ މީހުން ތިބި ނަމަ، އެ ތަނުން އެކަކު ސަލާމަށް ޖަވާބު ދިނުމުން ފުދޭނެއެވެ.
މަގުމަތީގެ އަދަބުތަކުގެ ތެރޭގައި، ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީ ކުރުން ހިމެނެ އެވެ. މަގުމަތިން ނުރުހެވޭ މަންޒަރުތަކާއި، ކަންކަން ފެނެއެވެ. އެފަދަ ޢަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ، އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ، ތިބާ އަކީ މަގުމަތީގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެ އެވެ. ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބާއްވަން ދަރީންނަށް ދަސްކޮށްދޭން ވާނެ އެވެ. މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ، އިސްލާމް ދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާ ކަމެކެވެ. ވެށީގެ ސާފުތާހިރުކަމަކީ، އެތައް ބަލިތަކަކުން މުޖުތަމަޢު ރައްކާތެރިކޮށްދޭ ކަމެކެވެ.
މަގުމަތިން ކުނިބުނި ނަގައި، ސާފުކުރުމަކީ، އީމާންކަމުގެ ތެރެއިންވާ ކަމެކަމެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ.
(اَلطَّهُوْرُ شَطْرُ اْلإِيْمَانِ)
މާނައީ: "ސާފުތާހިރު ކަމަކީ އީމާންކަމުގެ އެއްބައެވެ."
ކުންފުނިތަކާއި، މުއައްސަސާތަކާއި، ބޭރު މީހުން ގެންގުޅޭ ފަރާތްތަކުން ވެސް، އެ މީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް، މަގުމަތީގެ އަދަބުތައް ދަސްކޮށްދޭން ޖެހެ އެވެ. ސާފުތާހިރުކަމަށް ރައްކާތެރިވުމަށާއި، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަޞޭހަތްތެރިވެ، އެ މީހުން އެ ގޮތަށް ޢަމަލުކުރޭތޯ ފާރަވެރިވެ ބަލަހައްޓަން ޖެހެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެ އެވެ.
(كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُوْلٌ عَنْ رَعِيَّتِهِ)
މާނައީ: "ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތާ މެދު ޒިންމާ ވާން ޖެހޭނެ މީހެކެވެ."
މަސްދަރު: އޮކްޓޯބަރު 29، 2021 ވަނަ ދުވަހުގެ ހުކުރު ޚުޠުބާ