Last Updated: May 4, 06:02
Sunday, May 4, 2025
ޚަބަރު

ނުރައްކާތެރި ބެކްޓީރިއާ ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ނުރައްކާތެރި ޖަރާމީސު ފެނި، ކުދިންތަކެއްގެ ހާލު އެކަމާ ގުޅިގެން ބޮޑުވި މައްސަލައިގައި މާލޭގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ އައިޖީއެމްއެޗުން ޑިސްއިންފެކްޓަންޓު ހުސްވެފައި ހުއްޓައި، އެތަނުގައި ތުއްތު ކުދިންނަށް ފަރުވާ ދޭ ޔުނިޓް، އެންއައިސީޔޫގައި ނުރައްކާތެރި ބައްޔެއް ފެތުރި ގިނަ ކުދިންތަކަކަށް އެ ބަލި ޖެހި އެ ކުދިންގެ ހާލުވަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

"މާލެ ސިޓީގެ ރައްޔިތުން އަދި ރާއްޖޭގެ ގިނަ ރައްޔިތުން، ޞިއްޙީ ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްޙީ ޚިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އާޒިމު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާމް ޖަހައި، ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ވެސް ކުރަމުން ކަމަށެވެ.

"ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ޞިއްޙީ ފަރުވާ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް އިސްކަން ދިނުމަށް އަޅުގަނޑު ގޮވައިލަން." އާޒިމް ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ އެންއައިސީޔޫ އިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރް) އަށް ޕޮޒިޓިވް ފަސް ކުއްޖަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އިތުރު ފަރުވާއަށް ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.