މާލޭ ސަރަޙައްދުގައި ރޭސިން ޓްރެކް ހަދަން ބިން ހިއްކަން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވީ ޓްރެކް ހެދުމަށް ބްރިޖު ހައިވޭ ބޭރުން ބިމެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޓްރެކް ތަރައްގީ ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ރޭސިން ޓްރެކް ހަދަނީ އެމްއޭސީއެލުން އިންވެސްޓްކޮށްގެންނެވެ.
"މި ޓްރެކް ހަދަނީ، ބްރިޖުން ފެށިގެން ހުޅުމާލެ އަށް ދާން މިއޮންނަ ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގެ ބޭރުން ބައެއް ހިއްކައިގެން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެގޮތަށް ނިންމީ މީހުން އުޅޭ ސަރަހައްދުގައި ރޭސިން ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށްވާތީ ކަމަށެވެ. އަދި ރޭސިން ޓްރެކެއް އެޅޭނީ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ތަނެއްގައި ކަމަށްވުމާއެކު، ހައިވޭގެ ބޭރު ސަރަހައްދަކީ އެ ޓްރެކް އެޅުމަށް ހިއްކައިގެން ބިން ލިބޭނެ ސަރަހައްދެއް ކަމަށް ވިދާޅުވި އެވެ.
ރޭސިން އަކީ މިހާރު ރާއްޖޭގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ.