ރާއްޖެ އަށް ތުރުކީ ކުންފުންޏެއް މެދުވެރިކޮށް މިސައިލު ގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.
ދާދި ފަހުން ތުރުކީން އަސްކަރީ މަނަވަރެއް ރާއްޖެއަށް ހަދިޔާކޮށްފައިވާ އިރު، ރައީސް ވިދާޅުވީ އެ މަނަވަރުގައި ބޭނުންކުރުމަށް މިސައިލު ގަންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށެވެ.
"އަޅުގަނޑާ ބައްދަލުކުރަން އައި ބޭރު ގައުމެއްގެ ސަފީރެއް ބައްދަލުކޮށްފައި ވަރަށް ކަންބޮޑުވެގެން ދެއްކި ތި މިސައިލުގެ ވާހަކަ. އަޅުގަނޑު ބުނީ ނޫނެކޭ، ތިއީ ހުސް ދޮގު ވާހަކަތަކެކޭ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ނޫޅެމޭ މިސައިލު ގަންނާކަށް. ނުގަންނަން މިސައިލެއް، ހޯދާކަށް ވެސް ނޫޅެން."
ރައީސް ވިދާޅުވީ ތުރުކީން މަނަވަރެއް ހަދިޔާ ކުރަން ނިންމީ ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
"ރާއްޖޭގައި މިހާތަނަށް ނެތް ސައިޒެއް އެއީ. އެއްވެސް ހަރަދެއް އަޅުގަނޑުމެން ކުރަން ޖެހުނީއެއް ނޫން. އެއަކަށް މިސައިލެއް ނުގަންނަން. އޭގައި ނެތް މިސައިލު ހަރުކޮށްފައެއް ވެސް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ރާއްޖެ އަށް އާ ޓޭންކަރުތަކެއް ވެސް މިހާރު ގެނެސްފައިވާ އިރު، ރައީސް މިއަދު ވިދާޅުވީ ވޭތުވެ ދިޔަ 20-25 އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާ އޮތީ އެއްފަރާތްކޮށްފައި ކަމަށާއި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ.