ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ބޭފުޅެއްގެ ފަރާތުން އިންޓެގްރިޓީގެ މައްސަލައެއް ނުވަތަ ނަތީޖާ ނެރެދިނުމުގައި އުއްމީދުކުރާ ވަރަށް މަސައްކަތް ނުކުރެވޭނަމަ މަގާމުން ވަކިކުރާނެ ކަމަށާއި ނަމަވެސް އިހުސާންގެ ފަރާތުން މީގެއިން އެއްވެސް ކަހަލަ ކަމެއް ދިމާ ނުވާ ކަމަށެވެ.
އިހުސާންއާ ހަވާލުކޮށްފައިވަނީ ވަރަށް ގިނަ ޒިންމާތަކެއް ކަމަށާއި އޭނާ މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ވަގަށް މެމްބަރުންތަކެއް ވެއްދި ކަމަށް ބުނާ މައްސަލައިގައި އިހުސާނަށް ތުހުމަތުތަކެއް ކުރެވިފައިވާއިރު، ރައީސް ވަނީ އެކަމުގައި ޝަކުވާއެއް އޮތްނަމަ ނިޒާމުގެ ތެރެއިން އަދިވެސް މައްސަލަ ހުށަހަޅައިގެން ބެލޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގެ ތެރެއިން ކުށްވެރިވާ މީހަކު އަޅުގަނޑު އައްޔަންކޮށްފައި ހުރީއްޔާ އެމީހަކަށް ފިޔަވަޅު އަޅާނަން އަބަދުވެސް،" ރައީސް ވިދާޅުވި އެވެ.
ޕީއެންސީއަށް ވަގަށް މެމްބަރުންތަކެއް ވެއްދި ކަމަށް ބުނާ މައްސަލައިގައި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ވައްދާފައިވެ އެވެ. ނަމަވެސް މަޖިލީހުގެ 64 މެމްބަރުންގެ ވޯޓުން އިހުސާނަށް އިތުބާރު އޮތް ކަމަށް ވަނީ ފާސްވެފަ އެވެ.