Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ދުވަހަކުވެސް ކޮރަޕްޝަންގެ އަމަލެއް ނުހިންގަން: ރައީސް

ދުވަހަކުވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެމަނިކުފާނަށް އަމާޒުކޮށް ތަފާތު އެކި ތުހުމަތުތައް ކުރި ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ދުވަހަކު ވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އަދި ހިންގަވާނެ ވެސް ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑެއް ދުވަހަކު ވެސް ގާނޫނާ ހިލާފު ކަމެއް ނުކުރަން، ދުވަހަކު ވެސް ނުކުރާނަން. އަޅުގަނޑެއް ދުވަހަކު ވެސް ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފަން، ނުވެސް ހިފާނަން. އަޅުގަނޑަކީ ދުވަހަކު ވެސް ކޮރަޕްޝަންގެ ކަމެއް ކުރި މީހެއް ނޫން، ނުވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަފާތު އެކި ފަރާތްތަކުން އެމަނިކުފާނަށް ކުރައްވާ ތުހުމަތުތައް އޭސީސީ އާއި އެކި މުއައްސަސާތަކުން ބަލަންވީ ކަމަށާއި އެކަން ބެލުމަށް އެ ކޮމިޝަންތަކަށް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި އެ ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުން ވެސް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން ބާރުއަޅާ ކަމަށާއި މައްސަލަތައް ބެލުމުގައި ހުރަހެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ދެން އަޅުގަނޑު މީގައި ކުރަން އޮތީ ކޮން ކަމެއްތޯ އިތުރަށް؟،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު، އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު، އެ މަނިކުފާނުގެ އިސް ނެންގެވުމުގެ މަތިން ފެއްޓެވި 'އެއް ލައްކަ ގަސް' އިންދުމުގެ ޕްރޮގްރާމުގައި، ކޮރަޕްޝަން ހިމެނޭ ކަމުގެ ކަންބޮޑުވުންތަކެއް މާލޭ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން ވަނީ ފާޅުކުރައްވާފަ އެވެ.