ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން މިހާރު އެމަނިކުފާނާ ވާހަކަ ނުދައްކަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަޒާން އެމަނިކުފާނާ ވާހަކަ ނުދައްކަވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އަޒާން މެމްބަރު ކަމަށް އިންތިހާބުވީ އެމަނިކުފާނުގެ ވެސް އެހީއާއެކު ކަމަށެވެ.
"އަޅުގަނޑު އެހީވެގެން، އަޅުގަނޑު ސަޕޯޓު ދީގެން ޕީއެންސީގެ ޓީމު އެކުރި ހުރިހާ ކަމެއް ކޮށްދީގެން އަޒާން އެ މަގާމަށް އައިސްފައި އެހެރީ،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އަޒާންއާ ޖެހުނު މައްސަލައެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް މިހެން ވިދާޅުވި އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލަށް ތާއީދުކުރަން އަންގާފައި އޮއްވައި އެ ބިލަށް ވޯޓުނުދިން މައްސަލައިގައި ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން އަޒާން ވަނީ ބޭރުކޮށްފަ އެވެ. އަދި މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް އަޒާން ވަނީ ބޭރުކޮށްފަ އެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އެވެ.
އަޒާން ވަނީ ކޮމިޓީތަކުން އޭނާ ވަކިކުރީ އެ ކޮމިޓީތަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިޔާނާތްތައް ބަލަމުންދާތީ، ނުފޫޒު ގަދަ ބައެއްގެ ބާރުން ކަމަށް ވިދާޅުވެފަ އެވެ.