މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރަކަށް ހަމަޖެއްސި އިބްރާހީމް ފައިސަލަށް އެ މަގާމު ދެއްވީ އޭނަގެ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އޮތް ގާތް ގުޅުމެއްގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ އެ މަނިކުފާނު ރޭ ނޫސްވެރިންނާ އެކީ ބޭއްވި ބައްދަވުމުގަ އެވެ. ފައިސަލަށް މިނިސްޓަރުކަން އަބްދުއްރަހީމާ އާއެކު ހެެއްދެވި ޑީލެއްއްގެ ދަށުންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއްވެސް ޑީލެއް ނަހައްދަވާ ކަމަށެވެ.
"ޑީލެއް ނަހަދަން. އެކަމު އެއީ އަޅުގަނޑުމެންގެ ތެރޭގަ އޮތް ގާތް ގުޅުމުގެ ސަބަބުން ހަމަޖެއްސި ކަމެއް." ރައީސް ވިދާޅުވި އެވެ.
މިނިސްޓަރުކަމުން ފައިސަލް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 28 ގައި ވަކިކޮށްފަ އެެވެ. ނަމަވެސް ވަކި ސަބަބެއް އޭރު ސަރުކާރުން ނުބުނެ އެވެ.
އެހެންވެ ފައިސަލް ވަކިކުރަން ނިންމެވީ ކޮން ސަބަބަކާ ހުރެތޯ ނޫސްރިން އިއްޔެ ސުވާލުކުރުމުން ވެސް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިނިސްޓަރުން ވަކިކުރުމާއި އައްޔަނުކުރުމަކީ ރައީސަށް ލިބިދޭ ބާރެއް ކަމަށާއި އެކަން އެގޮތަށް ކުރެއްވީ އެމަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.