Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

އުރީދޫ މޯލްޑިވްސް ދުނިޔޭގެ ރެކޯޑް ފޮތަށް

ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ރެކޯޑް އުރީދޫ މޯލްޑިވްސް އިން ހޯދައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ގިނިސް ވޯލްޑް ރެކޯޑަށް އެ ކުންފުނި އެރި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް އުރީދޫން ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބީއެެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައި ދެނީ އުރީދޫން އީޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރުގެ އިތުރުން، ފެނު އަޑީގައި ވިޔަސް ފޯރުކޮށްދޭ ޚިދުމަތުގެ ރަނގަޅުކަން ކަމަށް ކުންފުނިން ބުންޏެވެ.

ރެކޯޑަށް އަމާޒުކޮށްގެން އުރީދޫން ބޭއްވި ފެނުޑުއަޑީގެ ޕެނަލް ޑިސްކަޝަން ދުނިޔޭގެ ރެކޯޑަކަށްވެ، އެކަމުގެ ރަސްމީ ލިޔުން ވެސް އުރީދޫ މޯލްޑިވްސްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ޚާލިދު އަލް ހަމާދީ އެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން ކަމެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި، އެއީ ޓެކްނޮލޮޖީ އާއި ކަމަށް އޮންނަ ޝައުގާއި އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައި ދިނުން ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ކުރިން ވެސް ދުނިޔޭގެ ރެކޯޑެއް ހެދި އެވެ. އެއީ އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ފީނައިގެން ރާއްޖެއިން 2022 ގައި ހެފި ރެކޯޑެވެ. އެ ރެކޯޑުގައި 455 މީހުން ބައިވެރިވިއެވެ.