ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ނަޒާހާތްތެރިކަން ކަށަވަރުކުރުންކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ޑިޖިޓައިލަޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ގެ ބައެއް މުހިއްމު ވާހަކަތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ގާއިމުކުރެވިއްޖެ ނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ވެސް އެކަން އެ ގައުމުން ކޮށްފައިވާ ގޮތް ބަލައި ތަޖުރިބާތަކެއް ހޯދުން ކަމަށެވެ.
"އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ،' ރައީސް ވިދާޅުވި އެވެ. "އަދި ކޮރަޕްޝަން ނައްތާލާ ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ. އަދި އަވަސް ވެސް އެބަ ކުރެވޭ."
"މޯލްޑިވްސް 2.0" އަކީ ކުރިއަށްއޮތް ތިން އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހާމަކަން ބޮޑުކަމާއި ފަސޭހަކަމާއެކު ވެރިކަން ހިންގުމުގެ ނިޒާމެއް ޤާއިމްކުރުން ކަމަށް ސަރުކާރުން ބުންޏެވެ.
"މޯލްޑިވްސް 2.0" ގައި ހިމެނޭ މައިގަނޑު ކަންކަން:
* އެކި ދާއިރާތަކުން އިނގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމަށް
* އައިސީޓީ ނިޒާމުތައް ތަރައްގީ ކުރުމަށް
* ޑިޖިޓަލް ޒަމާނަކަށް ފެތޭ ގާނޫނީ އޮނިގަނޑު
* ފުރިހަަމަ ސިޔާދަތާއި ރައްކާތެރިކަން ލިބިގެންވާ ޑިޖިޓަލް ބިނާރު
* ރައްޔިތުންނަށްޓަކައި ފޯރުކޮށްދެވޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް
* ގައުމުގެ ވިލުންވެރިކަމަށް ސައިބަ ސެކިއުރިޓީ
* އޯޕަން ޑޭޓާގެ ނިޒާމެއްގައި ސަރުކާރުގެ އިދާރީ ހިންގުން
* ޑިޖިޓަލް ފާހުގެ ރައްކާތެރިކަމާއެކު އިތުބާރުހިފޭ މުޢާމަލާތްތައް
ރައީސް ވިދާޅުވީ މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭ ބޮޑު ކޮންފަރެންސްއެއް މި މަހުގެ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ކަމާގުޅުން ހުރި ހުރިހާ ފަރާތްތަކެއް އެއްތަންވެ، މުޅި ދައުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މަޝްރޫޢެއް ލޯންޗް ކުރުމެވެ.