ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅޭކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މެޓްރޮޕޮލިޓަން ފުލުހުން ބުނީ އެ ގައުމުގެ ބައެއް ތަންތަނަށް އަމާޒުކޮށްގެން ހަމަލާތަކެއް ދޭން އުޅޭކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިރާނަށް ނިސްބަތްވާ ބައެއް ކަމަށެވެ. އެއީ 29 އަހަރުގެ ދެ މީހަކާއި 40 އަހަރުގެ މީހެއްގެ އިތުރުން 46 އަހަރުގެ މީހެކެވެ.
އެ ހަތަރު މީހުން ހައްޔަރުކުރީ ހަތަރު ސަރަހައްދަކުންނެވެ. އެގޮތުން 29 އަހަރުގެ ދެ މީހުންގެ ތެރެއިން އެކަކު ސްވިންޑަން އޭރިއާ އިން ހައްޔަރުކުރި އިރު އަނެއް މީހާ ހައްޔަރުކުރީ ސްޓޮކްޕޯޓް އޭރިއާއިންނެވެ. އަދި 40 އަަހަރުގެ މީހާ ރޮޗްޑޭލް އިން ހައްޔަރުކުރި އިރު، 46 އަހަރުގެ މީހާ ހައްޔަރުކުރީ ލަންޑަމުންނެވެ.
މެންޗެސްޓާ ފަސް ވަނަ މީހާ އަތުލައިގަތް އިރު، އޭނަ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އިނގިރޭސިވިލާތަށް ހަމަލާތަކެއް ދޭން ރާވަމުން އައި މީހުންގެ ހަގީގީ މަގުސަދަކީ ކޮބައިކަމާއި އެ މީހުންގެ ސަބަބުން އިތުރު ނުރައްކަލެއް ކުރިމަތިވެފައި އޮވެދާނެތޯ މިހާރު އަންނަނީ ބަލަމުން ކަމަށެވެ. ނަމަވެސް އެ މީހުން ހަމަލާތައް ދޭން ރޭވި ސަރަހައްދުތަކަކީ ކޮބައި ކަމެެއް ފުލުހުން ހާމައެއް ނުކުރެ އެވެ.