Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ވަގު ސައިކަލެއް ދުއްވި ބަޔަކު ހައްޔަރަށް

ސައިކަލެއް ވަގަށް ނަގައިގެން ދުއްވި މައްސަލައެއްގައި ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ލ. މާވަށް، ގްލޯރީ، އަހުމަދު ވިސާން، 30، އާއި ގދ. ގައްދޫ، ބުލާޝަމްއާގޭ މުޙައްމަދު ޢަޠީފް، 48، އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ މިއަދު ފަތިހު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި ބަލައި ފާސްކޮށް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދިއްގާމަގު، ބީޗް ކުލަބު ކައިރިން ސައިކަލެއްގައި ދަނިކޮށް އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު އެ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއްކަން ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.