އައްޑޫ މީދޫގައި ޤުރުއާން ކްލާސްތައް ހިންގާ އާ ސެންޓަރެއް ހުޅުވައި، ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 1 ގައި ހުޅުވި މި ސެންޓަރަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހާއްސަކޮށްގެން ހުޅުވި "ޝަމްސުއްދީން ސެންޓަ ފޯ އިސްކާމިކް ސްޓަޑީޒް" އެވެ.
މި ސެންޓަރު ހިންގަނީ މީދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔޫތު ނައިބު ފައުންޑޭޝަނުންނެވެ. އެ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މީގެ ކުރިން ވެސް ޤުރުއާން ކްލާސްތަކާއި ޤުރުއާން މުބާރާތްތައް ބާއްވާފައިވެ އެވެ.
"ޝަމްސުއްދީން ސެންޓަ ފޯ އިސްކާމިކް ސްޓަޑީޒް" ގައި ޤުރުއާން ހިތުދަސްކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ވެސް އޮންނާނެ އެވެ. އެހެންވެ ކްލާސްތަކުގައި ބައިވެރިވާން މިހާރު ވެސް އެޕްލައި ކުރެވޭނެ އެވެ. ފީއަކީ މަހަކު 350ރ. އެވެ.
ސެންޓަރު މި މަހު 1 ގައި ހުޅުވީ 32 ދަރިވަރުންނާ އެކީގަ އެވެ. ސެންޓަރުގައި ކިޔަވައި ދެއްވަނީ ރާއްޖެ އިން ބޭރުގެ ޤާރީއަކާއި ދިވެހި ޤާރީންނެވެ. ކްލާސްތައް ކޮންމެ ހަފުތާއަކު ވެސް ފަސް ދުވަހު ދެ ފަންފަޅިއަކަށް ކުރިއަށް ގެންދާނެ އެވެ.
"ޝަމްސުއްދީން ސެންޓަ ފޯ އިސްކާމިކް ސްޓަޑީޒް" ގެ މެނޭޖްމަންޓުން ބުނީ އެ ސެންޓަރަކީ މީދު އާއި ހުޅުދޫގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް އިތުރަށް ލޯބި ޖެއްސުމަށާއި ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދީ، ޤުރުއާނަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ދެ ދެ ޖިންސްގެ މީހުންނަށް ވެސް ފަހިކޮށް ދިން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
އެހެންވެ ކްލާސްތަކާ ގުޅެން ބޭނުންވާ މީހުންނަށް އަބަދު ސެންޓަރުގެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށް ބުންޏެވެ. ކްލާސްތަކާ ބެހޭ މައުލޫމާތު މި ނަމްބަރު 7786362 އިން ހޯދޭނެ އެވެ.