ގދ. ތިނަދޫގައި އަޅަން ނިންމި އެއާޕޯޓްގެ ބަދަލުގައި އެ ސިޓީ އާއި ގައްދޫ ބްރިޖަކުން ގުޅައިލާ ގޮތަށް ނިންމައިފި އެވެ.
ތިނަދޫގައި އެއާޕޯޓް އެޅުމުގެ ޕްލޭން ބަދަލުވި ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލްކޮށް ކާޑެއްދޫ އާއި ތިނަދޫ ގުޅާލުމަށް ނިންމައި އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމައަށް މިހާރު ގޮސްފައި އޮތް ކަމަށެވެ.
ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. އެގޮތުން ގދ. އަތޮޅަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ރައީސް ކުރެއްވި ދަތުރުގެ ތެރޭގައި ތިނަދޫ އެއާޕޯޓް އަޅަން ތައިލޭންޑްގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ.
ތިނަދޫ އެއާޕޯޓް ހަދަން ކުންފުންޏާ ހަވާލުކުރި ފަހުން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޕޭން ޕެސިފިކުގެ އިންވެސްޓަރު، ޖިރާތު ޕެތުނުންތަވޮންގް ކާޑެއްދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް ހިނގާ ގޮތް ބެލުމަށް މިދިޔަ އަހަރުގެ އޭޕްރިލްގައި ތެރޭގައި އެ ރަށަށް ވެސް ދިޔަ އެވެ.