Last Updated: May 4, 13:48
Sunday, May 4, 2025
މުނިފޫހިފިލުވުން

ސައިފްގެ ފިލްމުގެ ވިލަންއަކަށް އަކްޝޭ

ސައިފް ޚާން ލޯފަން މީހެއްގެ ކެރެކްޓާއެއް ހަމަޖެހިފައިވާ ޑައިރެކްޓަރު ޕްރިޔަރުދަރުޝަންގެ ފިލްމުގެ ވިލަންގެ ރޯލުން އަކްޝޭ ކުމާރު ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ޕްރިޔަދަރުޝަން 2016 ގައި މޯހަންލާލްއާ އެކު ގެނެސްދިން ކާމިޔާބު މަލަޔާޅަމް ފިލްމު "އޮއްޕަމް" ގެ ރިމޭކް ކަމަށް މީޑިއާތަކުން ބުންޏެވެ. އޭގައި މޯހަންލާލް ކުޅުނު ލޯފަން ކެރެކްޓާ ސައިފް ކުޅޭ އިރު، އަކްޝޭގެ ރޯލަކީ ނެގަޓިވް ރޯލެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ ތަރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުރިން ވެސް ކުޅެފައިވާކަމެވެ. އޭގެ ތެރޭގައި "ޔޭ ދިއްލަގީ" އާއި "މޭ ކިލާޅީ ތޫ އަނާޅީ" އަދި "ތަޝަން" ހިމެނެ އެވެ.

"އޮއްޕަމް" ގެ ރިމޭކްގައި އަކްޝޭ ނުބައިބައި ރޯލެއް ކުޅޭ އިރު، އޭނަގެ އަތުގައި މިހާރު ވެސް ޕްރިޔަދަރުޝަންގެ އެހެން ފިލްމެއް އޮތެވެ. އެއީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ "ބޫތު ބަނގްލާ" އެވެ. އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކޮށްފައިވާ ފިލްމުތަކުހެ ތެރޭގައި "ގަރަމް މަސާލާ" އާއި "ބާގަމް ބާގް" ހިމެނެ އެވެ.

"އޮއްޕަމް" ގެ ރިމޭކަކީ ޕްރިޔަދަރުޝަނާ އެކު ސައިފް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މީގެ ޝޫޓިން މި އަހަރުގެ އޮގަސްޓްގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.