Last Updated: May 4, 17:57
Sunday, May 4, 2025
ޚަބަރު

އެމްޑީއޭ ކޯލިޝަނުން ވަކިވެއްޖެ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިން ކޯލިޝަނާ ވަކިވެއްޖެ އެވެ.

މިކަން ހާމަކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާ އެކު އޮތީ ޕީއެންސީ އެކަނި ކަމަށެވެ. އެމްޑީއޭ ކޯލިޝަނުން ވަކިވީ އެކި ކަންކަމުގައި އުފެދުނު ބައެއް ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތައް ބައެއް ކަންކަމުގައި އުފެދި އެގޮތަށް ދިމާވީ." ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެކަމުގެ ތަފުސީލެއް ރައީސް ނުދެއްވައެވެ. އަދި މިކަމާ ގުޅޭ ގޮތުން އެމްޑީއޭ އިިން ވެސް ވަކި އެއްޗެއް އަދި ނުބުނެ އެވެ.

ޕީއެންސީއާ އެމްޑީއޭ އިން ކޯލިޝަން ހެދީ 2023 ގައި ބޭއްވި ރިޔާސީ އިންތިހާނުގެ ދެވަނަ ބުރުގަ އެވެ. އެ ޕާޓީން އެގޮތަށް ނިންމީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭންގައި ވެސް ބައިވެރިވެ، ފުރަތަމަ ބުރުން ރައީސް ސޯލިހް ބަލިވެވަޑައިގަތުމުންނެވެ.

އެމްޑީއޭ އިން ޕީއެންސީ ކޯލިޝަނުން ވަކިވި އިރު، ދެ ޕާޓީގެ ދެމެދުގައި އެއްބަސްވެފައިވާ ކަންކަމަށް އިހުތިރާމު ނުކުރާ ނަމަ ކޯލިޝަނުން ވަކިވާން ޖެހިދާނެކަމުގެ އިންޒާރު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެ ޕާޓީން ދީފައިވެ އެވެ.

އެމްޑީއޭގެ ލީޑަރަކީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދެވެ.

ޕީއެންސީއާ އެކު މަސައްކަތްކުރާ ޕާޓީގެ ތެރޭގައި މެންބަރު ކާނަލް މުހައްމަދު ނާޒިމުގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނެ އެވެ. މިހާރުގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ނިސްބަތް ވަނީ އެ ޕާޓީއަށެވެ.

ވެރިކަން ކުރާ، ޕީއެންސީ އަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީ އެވެ.