Last Updated: May 5, 10:18
Monday, May 5, 2025
ރިޕޯޓް

ޢައިބު އެނގޭ ނަމަ އަޒާބުގައި ނުތިބީހެވެ.

سليمان بن داود عليه السلام އަކީ ބަނީ އިސްރާއީލުގެ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެވެ. އެކަލޭގެފާނަށް ނަބީކަމާއި ރަސްކަން ލިބިވަޑައިގަތީ ބައްޕާފުޅު داود عليه السلام އަވަހާރަވުމުންނެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ގަތްގަނޑަކަށް 13 އަހަރެވެ.

އޭގެ ކުރިންނާއި ފަހުން ވެސް މީހަކަށް ނުދެއްވާ ވަރުގެ ރަސްކަމެއް މާތް ﷲ އެކަލޭގެފާނަށް ދެއްވިއެވެ. މާތް ﷲ އެކަލޭގެފާނުގެ ޚިދުމަތުގައި ޖިންނި ޝައިޠާނުންނާއި، އިންސީންނާއި ވަޔާއި ދޫނީ ސޫފާސޫފި އެކަލޭގެފާނުގެ ޚިދުމަތުގައި ލެއްވި އެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީން سليمان عليه السلام އަވަހާރަވުމުގެ ވާހަކަ ރިވާ ކުރައްވައިފައިވެ އެވެ. އެބޭކަލުން ޔަޤީންކޮށް ދެއްވާ ގޮތުގައި سليمان عليه السلام ކޮންމެ އަހަރަކު ވެސް بيت المقدس އަށް ވަޑައިގެން އެތަނުގައި ދުވަސްކޮޅެއް ހޭދަ ކުރައްވައެވެ.

އެކަލޭގެފާނު ކޮންމެ ފަހަރަކު ވެސް ވަޑައިގަންނަވާ އިރު އެތާނގައި ގަހެއް ފަޅައިފައި ހުރެ އެވެ. އެކަލޭގެފާނަށް ގަސްގެއްސާ ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވަ އެވެ. އެގަހުގެ ނަމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމަށް އެ ގަސް އެ ސުވާލުގެ ޖަވާބު ދެ އެވެ. އެގަހުގައި އަޅާ އެއްޗަކުން ފައިދާ ހޯއްދަވަ އެވެ. ބޭސް ފަރުވާއާ ގުޅޭ އެއްޗެއް ނަމަ ބޭސް ފަރުވާ ކުރައްވަ އެވެ. މޭވާގެ ބާވަތެއް ނަމަ މޭވާގެ ގޮތުގައި ބޭނުން ކުރައްވަ އެވެ.

އެއް ފަހަރަކު سليمان عليه السلام ވަޑައިގެންނެވި އިރު ގަހެއް ފަޅައިފައި ހުއްޓާ ފެނިވަޑައިގެން އެ ގަހުގެ ނަމާ ބެހޭ ގޮތުން ސުވާލު ކުރެއްވި އެވެ. އެ ގަސް ދެންނެވި އެވެ. އަޅުގަނޑުގެ ނަމަކީ (خروبة) އެ ގަސްއައީ بيت المقدس ޚަރާބު ކުރުމަށްކަމުގައި ދެންނެވި އެވެ. އެ ހިނދު سليمان عليه السلام އަށް އެ ގަސް ފަޅުއްވައިފައި އެ ވަނީ އެކަލޭގެފާނު ނިމި ދިއުމަށްޓަކައި ކަމުގައި ވިސްނިވަޑައިގަތެވެ. އަދި އެއަށްފަހު بيت المقدس ޚަރާބު ވެގެންދާނެކަން އެނގިވަޑައިގަތެވެ. ދެން އެތަނުން އެ ގަސް އުފުރާލެއްވުމަށް ފަހު އެހެން ތަނެއްގައި އެގަސް އިންދެވި އެވެ. އަދި އެއަށް ފަހު އަޅުކަން ކުރެއްވުމުގައި ދެމިހުންނެވި އެވެ. އެކަލޭގެފާނު ކޮޅަށް ހުންނަވަނީ އަޞާކޮޅެއްގެ ބާރުގަ އެވެ. އަވަހާރަވީ ވެސް އެގޮތުގައި ހުންނަވަނިކޮށެވެ.

ޖިންނީންނަށް سليمان عليه السلام އަވަހާރަވިކަން އެނގިފައެއް ނެތެވެ. އެހެން ނަމަވެސް ޖިންނީން ތެރެއިން ޖިންނިއަކު އެކަލޭގެފާނު އަޅުކަން ކުރައްވާ ތަނަށް ވަނެއެވެ. އޭނާ ބަލައިލިއިރު އެކަލޭގެފާނު ވަނީ އަވާހަރަވެފައެވެ. އެހެން ނަމަވެސް ޖިންނީންނަށް އެކަން އެނގުނީ އެކަލޭގެފާނު ގެ އަޞާކޮޅު ކަތުރުފަނި ކައިފައި ހުރުމުންނެވެ.

ޖިންނީން سليمان عليه السلام ކުރައްވާކަމެއް ބެލުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރު އަނދައިގެންނެވެ. މިޙާލުގައި ޖިންނީން އިހާނެތިކަމާ ވޭންދެވިނި ޢަޒާބުގައި ދެމިތިއްބެވެ. އެކަމަށް އިޝާރަތް ކުރައްވައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

‎﴿فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ﴾‏ (سورة سبأ ١٤)

މާނައީ: "ދެން ފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.

ޖިންނީންނަށް سليمان عليه السلام ގެ މަރު ވަންހަނާ ކުރައްވައިފައިވުމުގެ ޙިކުމަތަށް ބަލާ އިރު، މިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ތަފްސީރުތަކެއް ބަޔާންވެފައިވެ އެވެ. މިކަމާ ބެހޭ ގޮތުން الإمام القرطبى ބަޔާން ކުރައްވައިފައިވެ އެވެ. އެންމެ ފުރަތަމަ بيت المقدس ބިނާ ކުރެއްވީ دواد عليه السلام އެވެ. އެހެން ނަމަވެސް އެ މަސައްކަތް ފުރިހަމަ ކުރެއްވުމުގެ ކުރިން އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި އެވެ. އެހެން ކަމުން سليمان عليه السلام އެ ބިނާގެ މަސައްކަތް ފުރިހަމަ ކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވި އެވެ. އަދި އެކަލޭގެފާނު ޖިންނީންނަށް އެމަސައްކަތް ފުރިހަމަ ކުރެއްވުމަށް އަމުރުކުރެއްވި އެވެ.

އޭރު އެ މީހުން ތަބަވަމުން ދިޔައީ އެކަލޭގެފާނަށެވެ. سليمان عليه السلام އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވުމުގެ ކުރިން، އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވި ވާހަކަ ޖިންނީންނަށް ވަންހަނާ ކުރުމަށް އެކަލޭގެފާނުގެ އަހުލުވެރިންނަށް އެންގެވި އެވެ. އެގޮތުގައި އަހަރެއް ފާއިތުވެގެން ދިޔަ އެވެ.

އެކަމުގެ ޙިކުމަތަކީ بيت المقدس ބިނާ ކުރުމަށް ޖިންނި ޝައިޠާނުން ކުރަމުން ދިޔަ މަސައްކަތް ފުރިހަމަ ކުރުމެވެ. އަދި ހަމަ އެފަދައިން ބުނެވޭ ގޮތުގައި سليمان عليه السلام އެކަލޭގެފާނުގެ މަރުގެ ވާހަކަ ޖިންނީންނަށް ވަންހަނާކޮށް ދެއްވުން އެދި ވަޑައިގެން ދުޢާކުރެއްވި އެވެ. އަދި އެކަން ވަންހަނާ ކުރެއްވުމުގެ އަނެއް ޙިކުމަތަކީ، އިންސީންނަށް އެކަން އެނގިފައި އޮތުމާ އެކު ވެސް، ޖިންނީންނަށް އެކަން ވަންހަނާ ވެފައި އޮތުމެވެ.

މިކަން ޔަޤީންކޮށް ދެނީ ޣައިބުގައިވާ ކަންކަން އެ ޖިންނީންނަށް ނޭނގޭ ކަމެވެ. އަދި އެއުރެންނަށް غيب އެނގޭނަމަ، އަހަރު ދުވަސް ވަންދެން އިހާނަތްތެރިކަން ދެނިވި عذاب ގައި، ނުވަތަ ގަދަ މަސައްކަތުގައި އެއުރެން ނުތިބީހެވެ.

ކުރިން ބަޔާން ކުރިހެން سليمان عليه السلام ، މާތް ﷲ ފޮނުއްވި ނަބީބޭކަލުންގެ ތެރެއިން ނަބީ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ވާހަކަ ކީރިތި ޤުރްއާނުގެ ވަރަށް ސޫރަތްތަކުގައި ބަޔާން ކުރައްވައިފައިވެ އެވެ. އެ ސޫރަތްތަކުގެ ތެރޭގައި ބަޤާރާ ސޫރަތާއި އަންޢާމު ސޫރަތާއި ސަބައަ ސޫރަތާއި ޞާދު ޞޫރަތާއި ނަމްލު ސޫރަތް ހިމެނެ އެވެ. ކީރިތި ޤުރްއާނުގައި سليمان عليه السلام ގެ ވާހަކަ ބަޔާން ކުރައްވައިފައިވުމުގެ ޙިކުމަތާއި މެދު ވަރަށް ގިނަ ރިވާޔަތްތައް އައިސްފައިވެ އެވެ.

މި ހުރިހާ ރިވާޔަތްތަކަށް ބަލާ އިރު، އެހުރިހާ ރިވާޔަތްތަކެއް ވެސް އިއްތިފާޤުވާ ކަމަކީ سليمان عليه السلام ޙިކުމަތާއި ތަނަވަސްކަމުގައި މަޝްހޫރު ވެފައިވާކަމެވެ. އަދި މާތް ﷲ އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެއްވެސް މީހަކަށް ނުދެއްވާ ވަރުގެ ރަސްކަމެއް އެކަލޭގެފާނަށް ދެއްވިކަމެވެ. (المرجع: قصص الأنبياء والتاريخ الاسلامي)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.