"ކޮމަންވެލްތު ބީޗް ހޭންޑްބޯލް މުބާރާތް 2025" ލޯންޗްކޮށްފި އެވެ.
ހޭންޑްބޯލް އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ސެޕްޓެމްބަރު މަހު ބާއްވާ މުބާރާތް ލޯންޗްކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ސްޕޯޓްސް މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ޢަބްދުރައްޒާޤް އިބްރާހީމާއި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހު 18-22 އަށެވެ.
މި މުބާރާތް ބާއްވަން ކުރިން ނިންމީ މިދިޔަ ފެބުރުއަރީ މަހު ޕާކިސްތާންގެ ކަރާޗީގަ އެވެ. ނަމަވެސް، އެ ޤައުމުގައި މުބާރާތް ބޭއްވޭގޮތް ނުވުމުން އެހެން ޤައުމަކަށް އެ ފުރުޞަތު ދޭން އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން ނިންމުމުން ރާއްޖެ އަށް ފުރުސަތު ލިބުނީ އެވެ.
މިއީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ "ވިޒިޓާ އިކޮނޮމީ ކޮންސެޕްޓް" ގެ ދަށުން ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓުކޮށް، އިތުރު ފުރުޞަތުތައް ފަހިކުރެވޭނެ މުބާރާތަކަށް ވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.