ސަސްޕެންޝަނުގައި މިވަގުތު ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވައިފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ހިމަނައިފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އަދި އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
މި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ދާދިފަހުން ވަނީ ގޮވާލައިފަ އެވެ.