ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޝެއިހް ނާއިފް ބިން އަލް ތާނީގެ ހާޒިރުގައި މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އެވެ. އެމްބީއެސް ގްލޯބަލް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކޮށްފައިވަނީ ޗެއާމަން، މަރުވާން އަލްހާޖެރީ އެވެ.
އެމްއައިއެފްސީން ބުނީ މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ޕްލޭންގައި ހިމެނެނީ ބައިނަލްއަޤްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި، މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، އިންޓަރނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތަޢުލީމީ ވަސީލަތްތަކެވެ.
މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެ ކަމަށާއި އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެ ކަމަށް އެމްއައިއެފްސީން ބުނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރިއްޔާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ރާއްޖެ ގާއިމުކުރެވިގެންދާނެ ކަމަށް އެމްއައިއެފްސީން ބުނެ އެވެ.
މި މަޝްރޫއު ކުރިއަށްގެންދާނެ ތަނެއް އަދި ހާމަކޮށްފައި ނުވާއިރު، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.