Last Updated: May 5, 11:01
Monday, May 5, 2025
ޚަބަރު

ރާއްޖެ އަކީ ސްމާޓް ޖަޒީރާ ގައުމެއް: ރައީސް

ރާއްޖެއަކީ ސްމާޓް ޖަޒީރާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ޤާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމަށާއި ދިވެހިން މި އާދަޔާ ޚިލާފު ދަތުރު ފެށީ ސާފު އަމާޒެއް ހިފައި، ޔަޤީންކަމާއެކު، އީޖާބީ ވިސްނުމެއްގައި ކަމަށެވެ.

ރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ޤައުމެއް ނޫން ކަމަށާއި، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިޤްތިޞާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ޤައުމެއް" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަޙައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއް ކަމަށެވެ. އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭ ކަމަށް ހިސާބުތަކުން ދައްކާއިރު، އެއީ ޤައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެމްއައިއެފްސީގެ އެހީގައި މުޖުތަމަޢަށް ދިރުން ގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުޞަތުތައް އުފެދިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ އެ މަރުކަޒު ވެގެންދާނީ ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ޤައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށް ވިދާޅުވި އެވެ.

އެމްއައިއެފްސީން ބުނީ މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށާއި އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މަޝްރޫއު ކުރިއަށްގެންދާނެ ތަނެއް އަދި ހާމަކޮށްފައި ނުވާއިރު، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް އެމްއައިއެފްސީން ލަފާކުރެ އެވެ.