Last Updated: May 5, 11:01
Monday, May 5, 2025
ޚަބަރު

ހިތަދޫން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީ ހިތަދޫ އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ފެނަކަ އިން ބުނީ މުޅި ހިތަދޫ އިން ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ކަމަށެވެ. ކަރަންޓް ކެނޑިފައިވަނީ ހެނދުނު 6:20 ހާއިރު އެވެ.

އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދި، ލޯޑު ބޮޑުވެ، ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ އަކީ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.

އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ހައްލެއް ހޯދަން ކުރިއަށް އޮތް 10 އަހަރަށްވާ ވަރަށް ކަރަންޓް ކެޕޭސިޓީ އިތުރު ކުރަން ބޮޑު މަޝްރޫއެއް ރާވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގެ ތެރެއިން މިހާރު ހަމަޖެހިފައިވާ ކަމަށާއި ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން ފެނަކަ އިން މިދިޔަ އަހަރުގެ އެޕްރީލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރި އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުގައި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.