ބޮލީވުޑްގެ ތަރި، ސަލްމާން ޚާނާ ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނެވޭ ރުމޭނިއާގެ ފަންނާނު އޫލިއާ ވަންތޫރު ކުރު ފިލްމަކަށް ސޮއިކޮށްފި އެެވެ.
މި ފިލްމަކީ ކުރީގެ ބަތަލާ ޕޫޖާ ބަޓްރާ ޕްރޮޑިއުސްކޮށް، އިނގިރޭސި ބަހުން ހަދަން ނިންމާފައިވާ "އީޗް އޮފް އަސް" އެވެ. ޕޫޖާ އާއި އެލައިންސް މީޑިއާ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކެއްގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ދީޕަކް ތިޖޯރީ އެވެ.
"އީޗް އޮފް އަސް" ގެ ކާސްޓްގައި ސްޕެއިންގެ ބަތަލާއެއް ކަމަށްވާ އެލެސެންޑްރާ ވެލެން މެރެޑީޒް ވެސް ހިމެނެ އެވެ.
ޝޫޓިން މިހާރު ކުރިއަށްދާ ފިލްމުގެ ޑައިރެކްޓަރަކީ ޖޯ ރަޖަން އެވެ.
ކުރު ފިލްމެއްގެ ބަތަލާއެެއްގެ ރޯލު އޫލިއާ ކުޅޭ އިރު، އޭނަ ކުރިން ސަލްމާން ކުޅެފައިވާ ބައެއް ފިލްމުތަކަށް ލަވަ ވެސް ކިޔާފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ މާޗްގައި ރިލީޒްކުރި "ސިކަންދަރު" އާއި 2018 ގެ "ރޭސް 3" ހިމެނެ އެވެ. އަދި ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާނާއި އޭނަހެ ފިރިމީހާ އަތުލް އަގްނިހޯތުރީ ޕްރޮޑިއުސްކުރި 2014 ގެ ފިލްމު "އޮ ތެރީ" ގެ ލަވައެއް ވެސް ކިޔައި، އެ ފިލްމުގެ ލަވައެެއް ވެސް އޫލިއާ ކުޅެފައިވެ އެވެ.
ސަލްމާނާއި އޫލިއާ ދެމެދު ކަށަވަރުނުވާ ގުޅުމެއް އޮންނަތާ މިހާރު ޒަމާންތަކެއްވެއްޖެ އެވެ. އަދި އޫލިއާ އަކީ އާންމުންގެ ސަލްމާންގެ އާއިލީ އެކިއެކި ހަފުލާތަކުން ވެސް ފެންނަ މީހެކެވެ.