ހުޅުވަން ތައްޔާރުވަމުން އަންނަ މ. މުލީ އެެއާޕޯޓްގައި ކެފޭއެއް ހަދައި ހިންގާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި މެއިލް tender@airports.mv މެދުވެރިކޮށް ހޯދޭނެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވީ މިދިޔަ މަހުގެ 25 ގަ އެވެ. އެ އެއާޕޯޓް މި މަހުގެ 1 ގައި ހުޅުވަން ކުރިން ނިންމި ނަމަވެސް، އެއާޕޯޓް ރަސްމީކޮށް ހުޅުވަން މިހާރު ނިންމާފައި ވަނީ ރަސްމީކޮށް ދަތުރުތައް ފަށާ ދުވަހު އެވެ.
އެކަމަކު އަދި ވަކި ދުވަހެއް ނުނިންމަ އެވެ.
އާރްއޭސީއެލުން ބުނީ މުލީ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށަން ތައްޔާރީވަމުން އަންނަ އިރު، ބޭނުންވާ ހުއްދަތައް ސިވލް އޭޝިއޭޝަން އޮތޯރިޓީން ހޯދުމާއި އެއާލައިންތަކާ އެކީ ވެސް މަަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.