Last Updated: May 5, 17:27
Monday, May 5, 2025
މުނިފޫހިފިލުވުން

އާމިރުގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ތަރި، އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތަށް މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ މަހުގެ 20 ގަ އެވެ. އާމިރު ޕްރޮޑިއުސް ވެސް ކޮށްފައިވާ "ސިތާރޭ ޒަމީން" ގެ ޕޯސްޓަރު ގެނެސްދީފައި އޮތީ އޭނަ 2007 ގައި ގެނެސްދިން "ތާރޭ ޒަމީން ޕަރު" ގެ ޕޯސްޓަރުގެ ހަނދާންތައް ވެސް އާކޮށްދޭ ގޮތަށެވެ.

އެ ފިލްމާ އެއްގޮތަށް އާ ފިލްމަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ ބައެއްގެ ވާހަކަ ދައްކުވައި ދޭނެ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ އެވެ. "ސިތާރޭ ޒަމީން ޕަރު" ގައި ދައްކުވައި ވެނީ ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ބާސްކެޓްކުޅުންތެރިންތަކެއް ގޮވައިގެން ކޯޗަކު މުބާރާތްތަކެއް ކާމިޔާބު ކުރަން ކުރާ މަސައްކަތްތަކެވެ.

އާރްއެސް ޕްރަައްސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހަދާފައި ވަނީ ސްޕެއިންގެ 2018 ގެ ފިލްމު "ޗެމްޕިއަންސް" އަށް ބިނާކޮށެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ ހޮލީވުޑްގެ 1994 ގެ "ފޮރެސްޓް ގަމްޕް" އަށް ބިނާކޮށް 2022 ގައި ގެނެސްދިން "ލާލު ސިންގް ޗައްޑާ" އެވެ. އަދުވައިތު ޗަންދަން ޑައިރެކްޓްކުރި އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.

ގިނަ ބަޔަކު މިހާރު އަންނަނީ "ސިތާރޭ ޒަމީން ޕަރު" ގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުންނެވެ.