ޔޫއެންޑީޕީއާ ގުޅިގެން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުގެ މުވައްޒަފުންނަށް ނަފުސާނީ އެހީ ފޯރުކޮށް ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ޕީޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެެއްބަސްވުމުގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އައްބާސް ޝަރީފެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާ އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރުމަކީ އެ އޮފީހުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮ ކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާ މެދު ޝައްކެއް ނެތް." އައްބާސް ވިދާޅުވި އެވެ.