ޓޫރިސްޓުން އުފުލާ ކުދި ބޯޓްތަކެއް ޗައިނާގެ ކޯރެއްގެ ތެރޭގައި ބަންޑުންވެ، ނުވަ މީހަކު މަރުވެ، 70 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
މީޑިއާތަކު ބުނީ އެ ހާދިސާ އިއްޔެ ހިނގީ ގިއާންޒީ ސިޓީގައި ކަމަށެވެ. ގަދަ ވަޔާ އެކު ހަތަރު ބޯޓެއް ބަންޑުން ޖަހާލައި 84 މީހަކު ކޯރަށް ވެއްޓިފައިވެ އެވެ. އޭގެ ތެރެއިން 9 މީހަކު މަރުވެ، ހާލު ދެރަވި 70 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، އެކަކު ގެއްލިފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ކަންބޮޑުވުން ފާޅުކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައި، ފަރުވާ ދެމުން އަންނަ މީހުންނަށް އަވަށް ޝިފާއަކަށް އެދިވަޑައގެންފައިވެ އެވެ. އަދި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަށް ވެސް އަންގަވާފައިވެ އެވެ.
މިފަދަ ހާދިސާތައް މި ފަހުން ޗައިނާގައި ތަކުރާރުވަމުންދާތީ ރައީސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.