ރާއްޖޭގައި ތަރައްގީކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ބިންގާ މިއަދު އަޅައިފި އެވެ.
ސަރުކާރާއި ގަތަރުގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ތަރައްގީކުރާ އެ މަރުކަޒު ބިނާކުރަނީ ހުޅުމާލޭ ފޭސް ތިނެއްގަ އެވެ.
މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެ މިނިސްޓަރުންނާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ މާލީ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އެކަމުގެ ރަމްޒީ ޕްލާގު އިފުތިތާހުށް ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ އެވެ.
އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދު މުޅިން ބަދަލުކޮށްލައި، ޓޫރިޒަމް ދާއިރާ އާ ހަރުފަތަކަށް ގެންގޮސް ދޭނެ މަޝްރޫޢެއް ކަމަށެވެ.
އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ސާނީ ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ހިންގޭ އުންމީދީ މިފަދަ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެމްއައިއެފްސީގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކުރީ ރެ އެވެ. މި މަޝްރޫޢަށް އިންވެސްޓްކުރާނެކަމުގެ ޔަޤީންކަން 11 ފަރާތަކުން ދިވެހި ސަރުކާރަށް ދީފައިވެ އެވެ.
ދެހާސް ތިރީހުގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ.