ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ބަކި ދީނަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރެރިޒަމް ކޯލިޝަނާއި ރާއްޖޭގެ ނެޝަނަލް ކައުންޓާ ޓެރެރިޒަމް ގުޅިގެން އިމާމުންނާއި ޢިލްމުވެރިންނަށް ބާއްވާ ކެޕޭސީޓީ އިތުރުކުރުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިސްލާމީ ތާރީޚުގައި ޢިލްމުވެރިންނާއި އިމާމުންނަކީ މުޖުތަމަޢުގެ އެންމެ އިސް ދައުރެއް އަދާ ކުރާ ފަރާތްތައް ކަމަށެވެ. އަދި ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އާންމު ފަރުދުން ހޭލުންތެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަނީ ޢިލްމުވެރިންނާއި އިމާމުން ކަމަށް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ވަބާ އަކީ ވަކި ދީނަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި މި ފިކުރީ ބަލިމަޑުކަމަށް އޮތް ހަގީގީ ހައްލަކީ އިތުބާރު ހުރި މަސްދަރުތަކުން ޢިލްމު ހޯދުން ކަމަށެވެ.
ޓެރެރިޒަމާއި ހަރުކަށި ފިކުރާ ގުޅޭ ޞައްޙަ ތަފްސީލީ މަޢުލޫމާތު ޚިއްސާ ކުރަން ބާއްވާ މި ފޯރަމަކީ މުސްލިމުންނާއި މުސްލިމުން ނޫން މީހުންނާ ވެސް ހެޔޮކޮށް، ރަޙުމަތްތެރިކަމާއި އިންސާފުވެރިކަމާއެކު މުޢާމަލާތް ކުރުމުގެ މުހިއްމުކަން އަންގައިދޭން ބާއްވާ ފޯރަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ޖިހާދާއި ޓެރަރިޒަމްއާ ހުރި ތަފާތު އެނގެން ޖެހޭނެއެވެ. ޝަރީޢަތުގައި ޖިހާދަށް ވަކި އުޞޫލުތަކެއް ކަނޑައަޅާފައި. އަދި އެކަން ވަކިވަކި ފަރުދުންގެ އަތްމައްޗަކަށް ދޫކޮށްފައެއް ނުވޭ،" ޝަހީމު ވިދާޅުވި އެވެ. "އެހެނަސް، އެއީ ދައުލަތާއި ވެރިޔާގެ ޒިންމާއެއް. ޖިހާދުގެ ޙިކުމަތަކީ ޤައުމާއި އޭގެ ރައްޔިތުން ރައްކާތެރިކުރުން. އިސްލާމް ދީނުގައި ޓެރަރިޒަމްގެ ހުރިހާ ވައްތަރެއް ވެސް މަނާކުރައްވާފައި."
އޭނަ ވަނީ އިސްލާމީ އުއްމަތް ޓެރެރިޒަމާއި ހަރުކަށި ފިކުރު ފަދަ ފިކުރުތަކުން ސަލާމަތް ކުރުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ކުރައްވާ މުހިއްމު މަސައްކަތްޕުޅު ފާހަގަ ކުރައްވައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިިން ސަލްމާނަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ. އަދި މި ސަރުކާރުން އިސް ނަގައިގެން މިފަދަ ފިކުރުތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި، ރާއްޖެ އާއި ސަޢުދީ ގުޅިގެން މިކަމުގައި މުހިއްމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.