އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގާއިމުކުރި ކެތު ލެބްގެ ހިދުމަތް ނުފެށި ލަސްވަމުންދާތީ މަޖިލީހުގެ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އޭއީއެޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ތިން އަހަރު އައްޑޫން ފަރުވާ ދެވެން ނެތިގެން އިމަޖެންސީގައި މާލެ އަށް އެންމެ އެންމެ ގިނައިން ބަލިމީހުން ފޮނުވަން ޖެހޭ އެއް ކަމަކީ ހާޓް އެޓޭކްތައް ފަދަ ހިތުގެ މައްސަލަތައް ކަމަށެވެ.
ނަމަވެސް އޭއީއެޗްގައި ކެތު ލެބް ގާއިމްކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، އެތަނުގެ ހިދުމަތް ފެށިފައި ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެތަނުގެ ޚިދުމަތް ނުފެށި މިހާރު ވަރަށް ބޮޑަށް ލަސްވެއްޖެ." އަޒާން ވިދާޅުވި އެވެ.
އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.
އޭއީއެޗްގެ ކެތު ލެބް އައުޓްސޯސްކޮށްގެން ހިންގަން ހޮސްޕިޓަލުން ކުރިން މަސައްކަތްތަކެއްކޮށްފައިވާ އިރު، އެކަމަށް އޭޑީކޭ ހޮސްޕިޓަލުން ޝައުގުވެރިކަން ފާޅުކޮށްފައިިވެ އެވެ.
ނަމަވެސް މިހާތަނަށް ކެތު ލެބްގެ ހިދުމަތާ ގުޅޭ ގޮތުން އޭއީއެޗުން ވަކި ގޮތެއް ނުނިންމަ އެވެ.