އައްޑޫ މަރަދޫފޭދޫން ދިރިއުޅެން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އެ އަވަށުން ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ 76 ގޯތި ކަމަށެވެ. މި ގޯތިތައް ދޫކުރަން ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ މަރަދޫފޭދޫ ރައްޔިތުންނަށް ދޫކުރަން 68 ގޯއްޗާއި އެ އަވަށުގައި ވަޒަންވެރިވާން ބޭނުންވާ އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ދޫކުރާ 8 ގޯއްޗެވެ.
މަރަދޫފޭދޫން ގޯތި ދޫކުރަން ނިންމާފައި ވަނީ ހިއްކި ބިމުންނެވެ. އައްޑޫގައި 2022 ގައި ހިންގި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މަރަދޫފޭދު އަކީ ބިން ހިއްކި އަވަށެކެވެ.
ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 24 އާ ހަމައަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ނަމްބަރު 6885003 އާއި މަރަދޫފޭދު އަަވަށު އޮފީހުގެ ނަމްބަރު 6891523 އިން ހޯދޭނެ އެވެ.
މަރަދޫފޭދޫ ގޯތި ދޫކުރަން ހުޅުވައިލި އިރު 2023 ގައި އައްޑޫގެ އިތުރު ހަތަރު އަވަށަކުން 1،000 ގޯތި ދޫކޮށްފައިވެ އެވެ. އެއީ ހިތަދޫން 500، ފޭދޭން 300، ހުޅުދޫން 100 އަދި މީދޫން 100 ގޯއްޗެވެ. ހުޅުދު އާއި މީދޫން 2،000 އަކަފޫޓްގެ ގޯތި ދޫކުރި އިރު، ހިތަދު އާއި ފޭދޫން ދޫކުރީ 1،500 އަކަފޫޓްގެ ގޯއްޗެވެ.