Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ތެލަސީމިއާގެ ފުރިހަމަ ފަރުވާ ރާއްޖޭން ލިބޭގޮތް ހަދަނީ

ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އަދި އެބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސްއާ ޙިއްޞާކުރައްވާފަ އެވެ.

މިގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްޤީކުރާ ތެލަސީމިއާ ހޮސްޕިޓަލްގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެބޭފުޅުންގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ހަމައެއާއެކު، މި ބައްދަލުވުމުގައި ތެލަސީމިއާ ކޮމިއުނިޓީއިން ވަނީ މޯލްޑިވްސް ބްލަޑް ސާވިސްއިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޚިދުމަތް ދިނުމަށް ވެސް އެދިފަ އެވެ. އަދި އެބޭފުޅުން ވަނީ އެމްބީއެސްގެ ޚިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުންވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފަ އެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއިން ފާހަގަކުރެއްވިކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވި އެވެ.