އައްޑޫގައި ފްލޯޓިން ރެސްޓޯރަންޓަކާ އެކު ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެެ.
ކައުންސިލުން ބުނީ މީ ބީލަމަށް ހުޅުވައިލީ ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ކަމަށެވެ. އެގޮތުން ފްލޯޓިން ރެސްޓޯރަންޓާ އެކު ކުޑަކުދިންގެ ޕާކް ހަދަން ހާއްސަކުރާ ސަރަހައްދު ހިތަދޫން ދޫކުރަން ނިންމާފައި ވަނީ 20 އަހަރުގެ މުއްދަތަކަށް ކަމަށް ކައުންސިލުން ބުންޏެވެ.
ބިން ދޫކުރަން ނިންމާފައި ވަނީ އަކަފޫޓަކަށް މަދުވެގެން ރުފިޔާއެއްގެ ރޭޓުންނެވެ.
މި ޕްރިޖެކްޓް ކުރިއަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 12 އާ ހަމައަށެވެ. ބީލަމަށް ކުރިމަތިލާ ރާއްޖޭގެ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ވިއްކަނީ 15،000ރ. އަށެވެ. އަދި ބޭރުގެ ފަރާތްތަކަށް 1،000 ޑޮލަރަށެވެ.
މީ ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 14 ވަނަ ދުވަހު އޮންލައިންކޮށް ބާއްވާނެ އެވެ.
ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މި މަހުގެ 29 ގެ މެންދުރު ފަހު 1:00 ގައި ކައުންސިލް އިދާރާގަ އެވެ.