ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އުމް އަލް ގުވައިންގެ ޑެޕިއުޓީ ރޫލާ ޝައިޚް ޢަބްދުﷲ ބިން ރާޝިދު އަލްމުޢައްލާ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ރައީސް ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަށްޓަކައި ޝުކުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި ދެ ފަރާތުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.
އުމް އަލް ޤުވައިންގެ ޑެޕިއުޓީ ރޫލާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، ރާއްޖޭގައި ވުނަކުރައްވާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. ރާއްޖޭގައި ފުޑް ސެކިއުރިޓީ އިތުރުކުރުމާއި، ފޮސިލް ފިއުލްއަށް ބަރޯސާވުން ކުޑަކުރުމާއި، ދަނޑުވެރިކަން ކުރިއަރުވައި، ދިގުމުއްދަތުގައި ހަމަޖެހުމާއި ތަރައްޤީ ކަށަވަރުކުރުމަށް ބޭނުންވާ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އެއްބާރުލުންދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދެއްވުމަށް ޝައުޤުވެރިކަން އެބަހުރިކަން ވެސް ފާހަގަކުރެއްވި އެވެ.
މޫޑީސް އިންވެސްޓާސް ސާވިސަސް އިން މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓާފައިވާއިރު، މިއީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފަ އެވެ.