Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދޭން އެދިއްޖެ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދެއްވުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާއިރު، ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އަމަލުކޮށްފައިވަނީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކޮށްދިނުމަށް އެ ކޮމިޓީގެ ކިބައިން އެދިފަ އެވެ.

ޖޭއެސްސީން މި މައްސަލަ ނިންމުމުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދީ، އަދި ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުންތަކާއި އެއަށް ވާސިލްވެފައިވަނީ ބުރަދަން ހުރީގެ ހެކީގެ މައްޗަށްކަން ކަށަވަރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އަދި އެ މައްސަލައިގައި ޑިއު ޕްރޮސެސް ފުރިހަމަކޮށްފައިވާކަން ކަށަވަރުކޮށްދިނުމަށާއި މައްސަލަ ތަހުގީގުކޮށްފައިވާގޮތުން ފަނޑިޔާރުންގެ ވަކީލުންގެ ހުރި ކަންބޮޑުވުންތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ބާ ކައުންސިލުން ވަނީ ކޮމިޓީގައި އެދިފަ އެވެ.

މީގެއިތުރުން މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ފަނޑިޔާރުންނާއި އެ ފަނޑިޔާރުންގެ ވަކީލުންނަށް މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ފަނޑިޔާރުންގެ އިއުތިރާޒް ނެތް ނަމަ، އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ.