ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިއްޔެ ވަނީ ނިންމާފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ އަޒްމިރާދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި އަދި އަލްއުސްތާޛު ޙުސްނުއް ސުޢޫދުގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސް މުޢިއްޒު ހިންގަވާ ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ.
މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް އަދާލަތުން ބުނެ އެވެ.
އަދާލަތުން ބުނީ ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސް މުޢިއްޒުގެ ސިޔާސީ ބޭނުމަށް މަގުފަހިވާގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެއް ކަމަށް ތުހުމަތުކޮށް، މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދާ ކަމެއް ކަމަށެވެ.
މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސް މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީ ކަމަށް އަދާލަތުން ބުންޏެވެ.