ރާއްޖޭގެ ތަރައްޤީއަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ޕްރިންސް ފަހަދް ސައުދު އަލްޝަލަން ވިދާޅުވެއްޖެ އެވެ.
ޕްރިންސް ފަހަދް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިއްޔެ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓާ (އެމްއައިއެފްސީ) ވެގެންދާނީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވި އެވެ.
ރާއްޖެއާއި ސައުދީ އަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ދެމެދު ވެވުނު އެމްއައިއެފްސީ އުފެއްދުމުގެ ޖޮއިންޓް ވެންޗާ އެގްރީމަންޓާއި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން، އެކަމަށްޓަކައި ރައީސް އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.
ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ސައުދީ އަރަބިއްޔާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
މީގެއިތުރުން ދެ ގައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.