Last Updated: May 6, 09:32
Tuesday, May 6, 2025
ޚަބަރު

ޖުޑިޝަރީ ފުނޑާލީ އެމްޑީޕީން، މި ސަރުކާރުން އަތް ނުބާނާނެ

އިބްރާހިމް ފަލާހު- ފޮޓޯ: ޕީއެންސީ

ޖުޑިޝަރީ ފުނޑާލީ އެމްޑީޕީން ކަމަށާއި މި ސަރުކާރުން ޖުޑިޝަރީއަށް އަތް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ އެމްޑީޕީ އަށް މި ހުރިހާ އިސްލާހެއް ވެރިކަން ގެއްލުމުން ފެންނާތީ ދެރަވާ ކަމަށާއި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ ފަނޑިޔާރަކު ގޭގައި ނިދާފައި އޮއްވަ ވަގަށް ނަގައިގެން ކަމަށެވެ.

ދުނިޔޭގެ އެތައް ގައުމަކުންނާއި އެތައް ޖަމިއްޔާތަކަކުން ވަގުތުން ފަނޑިޔާރު މިނިވަންކުރަން ގޮވާލި ކަމަށާއި ނަމަވެސް ކަހާތަން ހިރުވާވެސް ނުލި ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެމްޑީޕީގެ ދެވަނަ ވެރިކަންވީ ތާރީހުގައި ވެސް ފަނޑިޔާރުން ވަކިކުރުމުގެ ރެކޯޑެއް ހެދި ވެރިކަމަކަށް. ފަނޑިޔާރުންނަށް ބިރުދަށްކާ މުޅި ޝައުރީ ނިޒާމު ފުނޑާލީ އެމްޑީޕީން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ މި ސަރުކާރުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުގެ އާއި ޖުޑިޝަރީއަށް އަތް ނުބާނާނެ ކަމަށާއި މިއީ 100 ޕަސެންޓު މުޖައްރިބު ކަމަށްވެސް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފަ އެވެ. މަޖިލީހުގެ އިއްޔެ ޖަލްސާގައި ޖޭއެސްސީން އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.