ކުދިން ތަރުބިއްޔަތު ކުރުމާއި މައިންބަފައިންގެ ގުޅުމަކީ ގުޅި ލާމެހިފައިވާ ދެ ބަޔެކެވެ. ކުދިންނަކީ، އެކުދިންގެ މާހައުލުން ފެންނަ ކަންތައްތައް ވަރަށް އަވަހަށް ދެނެގަނެ އެކަންކަންމުން ތަރުބިއްޔަތު ލިބިގެން ބޮޑެތިވާ ކުދިންނެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ އިސް ފަރާތަކީ އެކުދިންގެ މައިންބަފައިނަށްވާ އިރު، ބޮޑުވެގެން އަންނަ ކުދިން ނަމޫނާއަކަށް ވެސް ބަލާނީ އެކުދިންގެ މައިންބަފައިންގެ އުޅުމާއި، އަޚްލާޤާއި، މައިންބަފައިގެ މެދުގައި އޮންނަ ގުޅުމެވެ.
މައިންބަފައިންގެ ގުޅުން ރަނގަޅު ނޫން މާހައުލުތަކުގައި ބޮޑެތިވެގެން އަންނަ ކުދިންނަށް ނަފްސާނީ ގޮތުން ގިނަ ނޭދޭވޭ އަސަރުތަކެއް ކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި މި ފަދަ މާހައުލުގައި ދިރިއުޅޭ ކުދިންނަށް ޖިސްމާނީ އަނިޔާ ކުރިމަތިވާ ފަހަރުވެސް އާދެއެވެ. ހަމައެހެންމެ، 'ފެމިލީ ޑައިނަމިކްސް' ނުވަތަ ޢާއިލާގެ ތެރޭގައި އެއް މެމްބަރަކާއި އަނެއް މެމްބަރާއި ދެމެދު އޮންނަ ގުޅުމާއި އެކަކު އަނެކަކާއި މުޢާމަލާތްކުރާ ގޮތް ރަނގަޅުނުވުމުގެ ސަބަބުން އެކަކު އަނެކަކަށް އޮންނަންޖެހޭ އިޚްތިރާމް ކުޑަވެ، ދޭންޖެހޭ ލޯތްބާއި އަޅާލުމުން މަޙްރޫމްވުންފަދަ މައްސަލަތައް އިތުރުވެގެންދެއެވެ.
މީގެ ނަތީޖާއަކަށް ވެގެން ދަނީ، މި ފަދަ މާހައުލުތަކުގައި ބޮޑެތިވެގެންދާ ކުދިންގެ އުޅުމާއި، އަޚްލާގަށް ނޭދެވޭ އަސަރުކުރުމާއި، މި ކުދިން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ކުދިން އެކުދިންނަށް އެ ފެންނަ މަންޒަރުތަކުގެ ސަބަބުން ވަރަށް އަވަހަށް ދެރަވެ ކަންބޮޑުވެއެވެ. އެގޮތުން، މައިންބަފައިން އެކަކު އަނެކަކާ ޒުވާބުކުރުމާއި، ދުރުދުރުން އުޅޭތަން ފެނުމުން އެކުއްޖާގެ މަންމަ އާއި ބައްޕައާއި ދެމެދު އޮތް ގުޅުން ރަނގަޅު ނޫންކަން އެކުދިން ވަރަށް އަވަހަށް ދެނެގަނެ އެވެ. އަދި މައިންބަފައިން އެކަކު އަނެކަކާއި ލޯބިން ވާހަކަ ދައްކާލައި، ވަގުތު ހޭދަކުރާ ތަން ކުދިންނަށް ނުފެނުމަކީ އާއިލީ ގުޅުންވެސް ހީނަރުވެގެންދާ ކަމެކެވެ.
މީގެ އިތުރުން، އަނބިމީހާ އާއި ފިރިމީހާ އެކަކު އަނެކަކަށް އަދާކޮށް ދޭން ޖެހޭ ހައްޤުތައް އަދާނު ކުރުމާއި، ގޭތެރޭގެ ކަންކަމުގައާއި، ދަރިންގެ ކަންކަމުގައި އަބަދު ވެސް އެއްފަރާތަކުން އުޅެން ޖެހުމާއި، ޝައްކު ކުރުމާއި، އެކަކު އަނެއަނެކަކަށް އަނިޔާވެރިވުމަކީ، އެ މީހުންގެ ދަރިންނަށް އޭގެއިން ސީދާ ގޮތުގައި އަސަރުކުރާނެ ކަންތައްތަކެވެ.
އެހެންކަމުން، އުފާވެރި، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިއެއް ބޮޑުކުރުމަށް، މައިންބަފައިންގެ މެދުގައި އެއޮންނަ ގުޅުން ވަރުގަދަކުރުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ. މިގޮތުން، ދެމަފިރިން އެކުގައި ވަގުތު ހޭދަކޮށްލާ އުފަލުގައި އުޅޭތަން ކުދިންނަށް ފެނުމާއި، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް، ޙާއްސަ ގޮތެއްގައި ދަރިންގެ ކަންކަމުގައި ދެބަސްވާ ހާލަތްތަކުގައި، ސުލްހަވެރިކަމާއިއެކު ދެމީހުން ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ އިތުރުން، ގޭތެރޭގައާއި ދަރިންގެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އާއިލީ ގުޅުން ވަރުގަދަވުމުގެ އިތުރުން ދަރިންނަށް ވެސް ރަނގަޅު ނަމޫނާއެއް ދެއްކުމަށް މިއީ ކުރުން މުހިންމު ބައެއް ކަންތައްތަކެވެ.
އުފާވެރި އާއިލާއެއްގެ ތެރޭ ބޮޑުވެގެން އަންނަ ދަރިއަކީ، އަދަބުވެރި، ކިޔަމަންތެރި، ކިޔެވުމަށް ލޯބިކުރާ، އަދި ކުށަށް އަރައިގަތުމުގެ ފުރުޞަތު ކުޑަ ދަރިއަކަށް ވެގެންދެއެވެ. އެހެންކަމުން، އުފާވެރި ކުދިން ބިނާކުރުމަށް، މައިންބަފައިންގެ ގުޅުމަކީ އުފާވެރި ގުޅުމަކަށް ހެދުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މުހިންމު ދައުރެކެވެ.
މަސްދަރު: ފެމިލީ މިނިސްޓްރީ