އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައު ހުންނެވި އައިމިނަތު މުނާ އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުން މިހާރު ވަކިވެފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ މުނާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
ރައީސަށް މުނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި، ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް އެ މަނިކުފާނަކީ ބަހާއި އަމަލާ ދިމާނުވާ، އަދި ކަންކަން ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި، އެމްޑީއޭގެ ރައީސް، ދ. މީދޫ ދާއިރާގެ މަޖިލިސ މެންބަރު އަޙަމްދު ސިޔާމު މުޙައްމަދާ މެދު މި ސަރުކާރުން އަމަލު ކުރަމުން ދަނީ އިންތިހާއަށް އިހާނެތިކޮށް ކަމަށާއި، އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެ ގޮތުން ސަރުކާރުން ސިޔާމުގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އެ މަނިކުފާނުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާތީ، އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް މުނާ ވިދާޅުވި އެވެ.