Last Updated: May 6, 13:52
Tuesday, May 6, 2025
ޚަބަރު

ފުޑް ސެކިއުރިޓީ ވޯކްޝޮޕެއް އައްޑޫގައި ބާއްވައިފި

ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާ ގުޅޭ ވޯކްޝޮޕެއް އައްޑޫގައި ބާއްވައިފި އެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި ވޯކްޝޮޕަކީ އެގްރިކަލްޗަ މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށް ގެންދާ "އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ބޭއްވި ކޮމިއުނިޓީ ވޯކްޝޮޕެކެވެ.

އޭގައި ބައިވެރިން މަޝްވަރާކޮށްފައި ވަނީ ރަށު ފެންވަރުގައި ކާބޯތަކެތީގެ ފޯރުކޮށް ދިނުން އިތުރުކޮށް، މުޖުތަމަޢުގެ ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާ ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ އެގްރިބިޒްނަސް މޮޑެލްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުންނެވެ.

އެގްރިކަލްޗް މިނިސްޓްރީން ބުނި ގޮތުގައި އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކަށް ކުރިމަތިލާން ޤައުމުގެ ޤާބިލުކަން އިތުރުކުރުމާއި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

އޭޑީބީގެ ފަރާތުން ވޯކްޝޮޕްައި ބައިވެރިވި އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި، މިފަދަ މަސައްކަތު ބައްދަލުވުންތަކުން ރަށްރަށުގެ މުޖުތަމަޢުތަކަށް އެމީހުންގެ ބޭނުންތަކާއި އިސްކަންދޭ ކަންކަން ފާހަގަކުރުމުގެ ފުރުޞަތު ލިބި، ޕްރޮޖެކްޓުގެ ކާމިޔާބީއަށް މަގުފަހިވެގެން ދާނެ އެވެ.

ވޯކްޝޮޕްގައި އައްޑޫގެ ދަނޑުވެރިންނާއި، ވިޔަފާރިވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.

"އެންހޭންސިން ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތު ބައްދަލުވުންތަކެއް ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.