Last Updated: May 6, 13:52
Tuesday, May 6, 2025
ޚަބަރު

އެއްބަސްވުންތަކުގައި ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް އެބަހުރި

އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަނުކުރެވެނީ "ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް" ހުރުމުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކުރެވިގެން އުޅޭ ސަބަބާ ގުޅޭ ގޮތުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ރައްޔިތުންގެ މަޖިލީހުގެ މިއަދުހެ ޖަލްސާގައި ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"ތި އިޝާރާތްކުރެއްވި އެއްބަސްވުންތައް އަދާހަމަ ހާމަ ނުކުރެވި އޮތް ސަބަބަކީ ދިވެހި ދައުލަތާއި އިންޑިއާއާ ދެމެދު ސޮއި ކުރެވިފައި ހުރި އެއްބަސްވުންތަކުގެ ތެރޭގައި އެ އެއްބަސްވުންތަކުގެ ކޮންފިޑެންޝިއަލިޓީ ކްލޯސްތަކެއް ހިމެނިފަ ހުރުމުން." ޣައްސާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރާއްޖެ އަށް 1965 ގައި މިނިވަންކަން ލިބުނު ފަހުން މިހާތަނަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު 100 އަށް ވުރެ ގިނަ އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީއާ ގުޅޭ ހަތަރު އެއްބަސްވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.