އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ "ސަޢުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ފަށައިފި އެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފެވެ.
މިއީ ރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ ނަޒާހާ) ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ވިލާ ނޯޓިކާގައި ބާއްވާ ފޯރަމެކެވެ.
ފޯރަމްގެ ތީމަކީ "ސްޓްރެންތެނިން އިންޓަގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" ނުވަތަ ކޮރަޕްޝަންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައިއޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވީ، މި ފޯރަމަކީ ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ބާރެއް ކަމަށާއި ފޯރަމް ޓޫރިޒަމް ސިނާއަޔަށް އަމާޒުކޮށްފައިވާއިރު، މި ސިނާޢަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކާ ކޮރަޕްޝަނަށް ހުރި ހިރާސްތައް ނައްތާލަން ޖެހޭ ކަމަށެވެ.
ފޯރަމްގައި ކަމާގުޅުންހުރި އިދާރާތަކާއި ވުޒާރާތައް އެއްތަންވެ، މުހިންމު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނަ ވިދާޅުވިއެވެ.
މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢަތުތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ކޮރަޕްޝަނުގެ ސަބަބުން
ފޯރަމްގައި މަޝްވަރާ ކުރެވޭ ދާއިރާތައް:
* ޓޫރިޒަމް ދާއިރާގައި ޕަބްލިކް ޕްރޮކިއުމަންޓްގެ ދެފުށް ފެންނަ، ނަޒާހަތްތެރިކަން އަދި އެފިޝަންސީ ކަށަވަރުކުރުން
* ޓޫރިޒަމް ކުރިއެރުވުމުގައި ޚާއްސަކޮށް ބިން ބޭނުންކުރުމާއި މެނޭޖްކުރުމަށް ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުން
* ޓޫރިޒަމް ދާއިރާގައި އިންޓެގްރިޓީ، ޓްރާންސްޕޭރެންސީ އަދި ޒިންމާދާރުކަން އިތުރުކުރުމަށް ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ޕާޓްނަޝިޕް
* އެތިކަލް ނުވަތަ އަޚްލާޤީ އޮނިގަނޑުތައް ތަރައްޤީކުރުމާއި ޤާބިލުކަން އިތުރުކުރުން
* ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހަރުދަނާކޮށް، ތަންފީޒުކުރުމަށް ބާރުއެޅުން
* ޓޫރިޒަމް ދާއިރާގައި ކޮރަޕްޝަން ހުއްޓުވުމާއި އެސެޓް ރިކަވަރީއަށް މަގުފަހިކޮށްދިނުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުން
މި ފޯރަމުގައި އޯއައިސީގެ 40 އަށް ވުރެ ގިނަ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށް ވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.