Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ރާއްޖެ އަށް ޖާސޫސް ކުރުމުގެ ފުރުސަތެއް ނުދޭނަން

ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖެއަށް ޖާސޫސްކުރުމުގެ ފުރުސަތު ދިވެހި އަސްކަރިއްޔާއިން ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނަ ވިދާޅުވީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓް ރާއްޖޭގައި އޮޕަރޭޓްކުރަމުން ދިޔަތަސް އިރު އެ އުޅަނދުތަކުގައި ޖާސޫސްކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ނެތްކަން ކަށަވަރު ކުރަމުން ގެންދާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލިއްޔަތު ހުރި އެންމެ ފުރިހަމަ މިންވަރަކަށް ޖާސޫސީ އެއްވެސް އާލާތެއް ތި ޕްލެޓްފޯމުތަކުގައި ނެތް ކަން ކަށަވަރުކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެެ. "އަޅުގަނޑުމެންނަށް ކުރެވޭނީ އަޅުގަނޑުމެންގެ އަތުގައި ވަސީލަތްތައް ހުރި މިންވަރަކަށް މަސައްކަތް."

އިންޑިއާގެ އުޅަނދުތަކުގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ އިދާރާ (އީޕީއޭ) އާއި ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީ، ޗައިނީސް އެކަޑަމީ އޮފް ސައިންސާ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ވެސް ރާއްޖެއަށް ޖާސޫސް ކުރުމުގެ ފުރުސަތު އޮތްތޯ މެމްބަރަކު ސުވާލުކުރެއްވި ސުވާލާ ގުޅިގެން ޢައްސާން ވިދާޅުވީ އެފަދަ އެއްވެސް ފުރުސަތެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަދި އެފަދަ ދިރާސާތައް ކުރާނީ ދިވެހި ސިފައިން ވެސް ތިބެގެން ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ޖާސޫސް ކުރަން ފުރުސަތު އޮންނަ ކަމެއް ކުރުމަކަށް ގައުމީ ދިފާއީ ބާރަކުން ޖާގައެއް ނުދޭނެ. ތި ވިދާޅުވި މަޝްރޫއުގެ ތެރޭގައި އެކަހަަލަ ކަމެއް ހިމެނޭނަމަ އެކަމެއް އޮންނާނީ ހުއްޓުވިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ސީދާ ބެލުމުގެ ދަށުން މެނުވީ ތިކަހަލަ މަސައްކަތްތަކެއް ދިވެހިރާއްޖެއަކު ނުހިނގާނެ."