Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އާ އިމާރާތް ލަސްވީ ކޮންސެޕްޓް ބަދަލަކާ ހެދި

މިދިޔަ އަހަރު ބިންގާ އެޅި އައްޑޫ ފޭދޫ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ލަސްވެފައި އޮތީ ކޮންސެޕްޓަށް ބަދަލު ގެނެސް 10 ކުލާސްރޫމް އިތުރުކުރަން ޖެހުމުން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން އެ މަޝްރޫއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ ދެ ސެޝަނަށް ހިންގަމުން އަންނަ ފޭދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އާ ސްކޫލެއް އެޅުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ލަސްވެއްޖެ ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.

އެކަމަކު އެކަން ލަސްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ކޮންސެޕްޓަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. ޝަފީއު ކޮންސެޕްޓަށް ގެނައީ ފުދޭ ވަރެއްގެ ބޮޑު ބަދަލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގެންނަން ޖެހޭ ބަދަލުތައް މިހާރު އޮތީ ގާތްގަޑަކަށް ނިމިފައި ކަމަށެވެ.

ފޭދޫ ސްކޫލްގެ އިމާރާތް އަޅަން ނިންމާފައި ވަނީ އެ ރަށުން ހިއްކި ބިމުގެ 96،500 އަކަފޫޓްގެ ބިމެއްގަ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި އޮތް އެ އިމާރާތުގެ ބިންގާ މިދިޔަ އަހަރުގެ އެޕްރީލް 9 ވަނަ ދުވަހުގެ ރޭ އަޅުއްވައި ދެއްވީ މިނިސްޓަރު ޝަފީއު އެވެ. ބިންގާ އެޅި އިރު، އިމާރާތަކީ ޖުމްލަ 40 ކްލާސް ރޫމްގެ ތަނެކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން އެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ މަސައްކަތް ފަށާތާ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 145،292،400ރ. އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި ފޭދޫ ސްކޫލްގެ އާ އިމާރާތް ވާނީ ރާއްޖޭގެ ސްކޫލެއްގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅި ދަނޑެއް ވެސް އޮންނާނެ ސްކޫލަކަށެވެ.