Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ވޭޕްގެ ޖޫރިމަނާ 40 މިލިއަންގައި، އެ ފައިސާ ނުލިބޭތީ ކަންބޮޑުވުން

ވޭޕް އެތެކުރި ވަކިވަކި ފަރުދުންގެ މައްޗަށް އައިސްފައިވާ ޖޫރިމަނާގެ އަދަދު 40 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅާފައިވާ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ސިމާހު ވިދާޅުވީ ގާނޫނުގައި މިހާރު އޮންނަނީ ވޭޕް އެތެރެކޮށްފިއްޔާ 50،000 ރުފިޔާގެ ޖޫރިމަނާއެއް، އެއަށް ފަހު ފެންނަ އިތުރު ކޮންމެ އާލާތަކަށް 10،000 ރުފިޔާ އިތުރުވާގޮތަށް ކަމަށާއި އެއާއެކު ވަކި ވަކި ފަރުދުންގެ މައްޗަށް ބޮޑެތި ޖޫރިމަނާތަކެއް އަންނަ ކަމަށެވެ.

އެގޮތުން އޭގެ ދެ ކޭސްއެއްގައި އެކަކު 48 މިލިއަން ރުފިޔާއިން އަދި އަނެކަކު 40 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަަމަށް ސިމާހު ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް ޖޫރިމަނާ ކުރާ ފައިސާ ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެކަން ތަންފީޒު ކުރެވޭނެ، އެއީއެއް ނޫން މައްސަލައަކީ. އެގޮތަށް ގާނޫނުގައި ކަނޑައަޅާއިރު، އަމިއްލަ ފަރުދަކު އެވަރުގެ ޖޫރިމަނާއެއް ކޮށްގެން އެ ފައިސާ ލިބޭނެތޯ، ވިސްނާލަންޖެހޭ،" ސަމާހު ވިދާޅުވި އެވެ.

މީގެއިތުރުން ސަމާހު ވަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދާއިރު އެއީ ތަންފީޒު ކުރާން ފަސޭހަ ގާނޫނު ތަކަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމަކީ މިހާރު ގާނޫނީ ގޮތުން ކުށެކެވެ.

ނަމަވެސް އޭގެ ފަހުން ވެސް ރާއްޖެއަށް ވޭޕް އެތެރެކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.