Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަނަކަށް އޭސީސީ ވާންޖެހޭ

އެންޓި-ކޮރަޕްޝަން އިދާރާތަކަކީ ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް ފޯރަމް އޮން އިންޓަގްރިޓީ 2025، ހުޅުުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަމައެކަނި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނޫންކަމަށާއި، އެއީ، އޭގެ ސަބަބުން ކޮންމެ ރައްޔިތެއްގެ ހައްޤުތައް ރައްކާތެރިކުރެވޭ ފަރުދީ ޒިންމާއެއް ކަމަށެވެ.

މިއަހަރުގެ ފޯރަމްގެ މަޢުޟޫޢު "ސްޓްރެންތެނިން އިންޓެގްރިޓީ އެންޑް ކޮމްބެޓިން ކޮރަޕްޝަން އިން ދަ ޓޫރިޒަމް ސެކްޓާ" އަކީ މިއަދުގެ ޙާލަތާއި ގުޅޭ މަޢުޟޫޢެއް ކަމަށް ވިދާޅު ވިއެވެ. އަދި، އިންވެސްޓާ ކޮންފިޑެންސާއި ރައްޔިތުންގެ އިތުބާރު ހޯދުމުގައި ނަޒާހަތްތެރިކަމާއެކު ފަތުރުވެރިކަމުގެ ދާއިރާ ހިންގުމުގެ މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމަކީ ސެކްޓަރުގެ ދެމެހެއްޓެނިވިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމުގެ ރިވެތި ނަން ދެމެހެއްޓުމާއި، ދިގުމުއްދަތުގެ ކުރިއެރުން ކަށަވަރުކުރުމަށް އެންމެ މުހިންމުކަން ކަމަށާއި، އަދި އެއީ ރާއްޖޭގެ ޕްރެމިއާ ޑެސްޓިނޭޝަން ލަޤަބު ދެމެހެއްޓުމަށް އޮތް މަގު ކަމަށްވެސް ވިދާޅުވި އެވެ.

އީޖާދީ ވިސްނުމާއި ކެޕޭސިޓީ ތަރައްޤީކުރުމުގައި ސަރުކާރުތަކާއި، ޕްރައިވެޓް ސެކްޓަރ، މަދަނީ ޖަމިއްޔާތަކާއި، ބައިނަލްއަޤްވާމީ އިދާރާތަކުގެ ދައުރަށްވެސް ބައްލަވާލައްވާފައިވެ އެވެ. އެގޮތުން، ހަރުދަނާ ސިޔާސަތުތަކާއި، މޮނިޓަރކޮށް ތަންފީޒުކުރުމާއި، ޤަވާއިދުން އިވޭލުއޭޓްކުރުމާއި، އޭގެ ސަބަބުން އަންނަ ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އަދި، ވިސްލް ބްލޯވާޒް ބާރުވެރިކޮށްދީ، އެފަދަ ފަރާތްތަކަށް ޤާނޫނީ ހިމާޔަތްދީ، ނަޒާހަތްތެރިކަމަކީ އިސްތިސްނާއެއް ނޫން މިންގަނޑަކަށް ހަދައިދޭ ނިޒާމުތައް ބިނާކުރަން އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި، އެންޓި-ކޮރަޕްޝަން އިދާރާތަކަކީ މިނިވަންވެ، އަމިއްލަ އިސްނެގުމާއި، ސިޔާސީ ތަޢައްސަބުން މިނިވަންވެފައިވާ އިދާރާތަކަށް ވާންޖެހޭކަމަށްވެެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.