އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ގްރޫޕް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ އެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
އުރީދޫ މޯލްޑިވްސް އެމްޑީ/ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ ގްލޯބަލް ނެޓްވޯކްގެ ހަރުދަނާކަމާ އެކު، އަމާޒަކީ ރާއްޖޭގެ ދެވަނައެއް ނެތް ރީތިކަމާއި ސަގާފަތާއި މެހެމާންދާރީ ތަޖުރިބާކުރުމަށް ބައިނަލްއަގްވާމީ މާކެޓުތަކުން އިތުރު ދަތުރުވެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫން ހަރާކާތްތެރިވާ 10 ގައުމެއްގައި، ރާއްޖެ ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރަން ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން އޭޝިއާ އާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މުހިންމު މާކެޓުތަކުގައި އެމްއެމްޕީއާރުސީގެ ގްލޯބަލް ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކަށް އުރީދޫން އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.
އުރީދޫން ބުނީ މިއީ އެ ގްރޫޕްގެ ބައިނަލްއަގްވާމީ ފުޓްޕްރިންޓް ބޭނުންކޮށްގެން "ވިޒިޓް މޯލްޑިވްސް" ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.